ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގި ކަމުގެ ކުށް ސާބިތުވާ ކަމަށް އެ ގައުމުގެ ހާއްސަ ކޯޓަކުން މިއަދު ކަނޑައަޅައި މަރަން ހުކުމްކޮށްފިއެވެ.
އުމުރުން 78 އަހަރުގެ ހަސީނާގެ ވެރިކަން މިދިޔަ އަހަރުގެ އޯގަސްޓް މަހު ވައްޓާލުމާ އެކު އޭނާ ވަނީ ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފައެވެ. އެހެންކަމުން މި ހުކުމް އިއްވާފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ.
ބަންގްލަދޭޝް އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް އިން ހިންގި ޝަރީއަތަށް ފަހު ހުކުމް އިއްވަވަމުން ފަނޑިޔާރު ޣުލާމް މުރްތަޟާ މުޒްމުދާރް ވިދާޅުވީ ހަމަނުޖެހުން ހިންގުމާއި މީހުން މެރުމަށް އަމުރުކުރުމާއި އަނިޔާވެރި އަމަލުތައް ނުހުއްޓުވުމުގެ ކުށް ހަސީނާގެ މައްޗަށް ސާބިތުވާ ކަމަށެވެ. ހަސީނާގެ މައްޗަށް ތިން ދައުވާއެއް ސާބިތުވި އިރު، ފަނޑިޔާރު ވިދާޅުވީ ހަސީނާގެ މައްޗަށް ތަންފީޒުކުރާނީ އެންމެ ހުކުމެއް ކަމަށާއި އެއީ މަރުގެ ހުކުމް ކަމަށެވެ. އަނެއް ދައުވާއަށް އައީ އުމުރަށް ޖަލަށް ލުމުގެ ހުކުމެވެ.
މަރުގެ ހުކުމް ކުރީ، އިންސާނިއްޔަތާ ހިލާފް ޖަރީމާތައް ހިންގުމުގެ ކުށަކަށެވެ. އެއީ އޭނާއާ ދެކޮޅަށް ދަރިވަރުން ކުރި މުޒާހަރާތައް ރޫޅާލުމަށް މީހުން މެރުމަށް ބަޑިޖެހުން ފަދަ އަނިޔާވެރި އަމަލުތަކަށް ސީދާ އަމުރުކުރި މައްސަލައިގައެވެ.
އދ. އިން އަންދާޒާކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި އާއި އޯގަސްޓް މަހާ ދެމެދު ބަންގްލަދޭޝްގައި 1،400 މީހަކު މަރާލާފައިވެއެވެ.
ޖޫން 1 ގައި ހަސީނާގެ ޝަރީއަތްތައް އޭނާގެ ޣައިރު ހާޒިރުގައި ފެށިއިރު، ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި މީހުން މެރުމަށް އަމުރުކުރީ ހަސީނާ ކަމަށް އެތައް ބަޔަކު ހެކިބަސް ދީފައިވެ އެވެ.
ހުކުމް އިއްވުމާ އެކު ހަސީނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ ސިޔާސީ ހުކުމެއް ކަމަށެވެ.
ހަސީނާ މިހާރު ހުންނެވީ އިންޑިއާގައި ހިމާޔަތް ހޯއްދަވައިގެންނެވެ. އޭނާ ބަންގްލާދޭޝްއާ ހަވާލުކުރުމަށް އެދުނު އެދުމަކަށް އިންޑިއާއިން މިހާތަނަށް އިޖާބަދީފައެއް ނުވެއެވެ.




