އެމްޕީއެލްގެ ބަނދަރުގެ ހާލަތު ބަލަން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު އަހުމަދު ސަލީމް (ރެޑްވޭވް) އެ ތަނަށް ވަޑައިގެންފި އެވެ.
މި ޒިޔާރަތުގައި ދެ ބޭފުޅުން ވެސް ވަނީ އެމްޕީއެލްގެ މަސައްކަތްތަކާ ގުޅޭ ގޮތުން އެމްޕީއެލްގެ ސީއީއޯ މުހައްމަދު ރިޝްވާނާއި ކުންފުނީގެ މެނޭޖްމަންޓާ އެކު މަޝްވަރާ ކުރައްވާފައެވެ. މަޝްވަރާތަކުގައި ރިޝްވާން ވަނީ ބަނދަރުގެ މިހާރުގެ ހާލަތާއި ދިމާވާ ދަތިތައް މަޖިލީހުގެ މެމްބަރުންނާ ހިއްސާ ކުރައްވާފައެވެ.
މި ޒިޔާރާތާ ގުޅޭ ގޮތުން ނާޒިމް ވިދާޅުވީ، ފަހަކަށް އައިސް ވިޔަފާރި ބަނދަރުގައި ހުރި ގިނަ މައްސަލަތައް ފާހަގަކުރެވޭތީ، އެ ކަންކަން ހައްލުކުރަން ހާލަތު ދެނެގަތުން މުހިންމު ކަމަށެވެ.
241 ކޮމިޓީގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ، ބޭނުމަކީ އަސްލު ހާލަތު ދެނެގަތުން ކަމަށާއި، އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ކަންކަން ނާޅުވާ ހާލަތު ދެނެގަނެ ކަންކަން ހައްލު ކުރުން ކަމަށެވެ.
މީގެ އިތުރުން ނާޒިމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ އެތެރެކުރާ ކޮންޓެއިނާތައް ސްކޭން ކުރާ ސިސްޓަމް ބެހެއްޓުމަށް ބަނދަރުގައި ޖާގަ ހުރިކަން ކަށަވަރުކޮށް، އެ މަސައްކަތް ކުރިއަށް ގެންދެވޭނެ މަގެއް ހޯދުމަކީ ވެސް މި ޒިޔާރަތުގެ މުހިންމު އެއް ބޭނުމެވެ.
ކަސްޓަމްސް އިން މި ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެކަމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ ބަޖެޓު ކޮމިޓީ އަށް ދެއްވާފައެވެ. މި ސިސްޓަމް ގާއިމް ކުރުމުން މިހާރު ދިމާވާ ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށް ކަސްޓަމްސް އާއި އެމްޕީއެލް އިން ވެސް ދެކެއެވެ.
މަޖިލީހުގެ 241 ކޮމިޓީން ވަނީ މި ފަހުން ކަސްޓަމްސްގެ އެކި މައްސަލަތައް ތަހުގީގުކޮށް، ރިޕޯޓެއް އެކުލަވާލާފައެވެ. އެ ރިޕޯޓުގައި ކަސްޓަމްސް އިން އަމަލުކުރާ ގޮތުން ބަނދަރުތަކުގެ ސަލާމަތީ ކަންކަން ބޮއްސުންލާފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.
އަދި މިހާރު ވެސް އެ ކޮމިޓީން ދަނީ މިދިޔަ އޭޕްރީލް މަހު އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓްގެ މައްސަލަ ތަހުގީގުކުރަމުންނެވެ.



