ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ މައްޗަށް އިންސާނިއްޔަތާ ހިލާފް އަމަލުތައް ހިންގުމުގެ ކުށް ސާބިތުވެ މަރުގެ ހުކުމް އިއްވާފައިވާތީ، އޭނާ އަނބުރާ ގައުމަށް ފޮނުވުމަށް ބަންގްލަދޭޝް އިން މިއަދު އަނެއްކާވެސް އިންޑިއާއަށް ގޮވާލައިފިއެވެ.
އުމުރުން 78 އަހަރުގެ ހަސީނާ ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހު އޭނާގެ ޒަމާންވީ ވެރިކަން ނިމުމަކަށް ގެނައި މުޒާހަރާތައް ވަރުގަދަވުމާ އެކު ފިއްލަވައިގެން އިންޑިއާއަށް ވަޑައިގެންފަ އެވެ.
ހަސީނާގެ މައްޗަށް މިއަދު އިއްވާފައިވާ މަރުގެ ހުކުމަކީ، ސަރުކާރާ ދެކޮޅު މުޒާހަރާތައް ރޫޅާލުމަށް ބާރުގެ ބޭނުންކޮށް އެތައް ބަޔަކު މެރުމަށް އަމުރުކުރި ކަމުގެ ކުށް ސާބިތުވުމާ ގުޅިގެން ބަންގްލަދޭޝްގެ އިންޓަނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް އިން އިއްވާފައިވާ ހުކުމެކެވެ. ހަސީނާގެ އިތުރުން ކުރީގެ އިންޓީރިއާ މިނިސްޓަރު އަސަދުއްޒަމާން ޚާން ކަމާލްގެ މައްޗަށް ވެސް މިއަދު ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. އަސަދުއްޒަމާން ވީ ތަނެއް ނޭނގޭ ނަމަވެސް، ބަންގްލަދޭޝް އިން ގަބޫލުކުރާ ގޮތުގައި އޭނާ ވެސް ވީ އިންޑިއާގަ އެވެ.
ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މި ދެ ކުށްވެރިން ވެސް ބަންގްލާދޭޝްގެ ކަމާބެހޭ އިދާރާތަކާ ވަގުތުން ހަވާލުކުރުމަށް އިންޑިއާ ސަރުކާރަށް ގޮވާލާފައެވެ. އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި މިއީ އިންޑިއާއިން އަދާކުރަންޖެހޭ ގާނޫނީ ޒިންމާއެކެވެ. ކުރިން ވެސް ހަސީނާ ޝަރީއަތަށް ހާޒިރުކުރުމަށް ހަވާލުކުރުމަށް އެދިފައިވާއިރު، އިންޑިއާއިން އިޖާބަ ދީފައި ނުވާތީ ދެ ގައުމުގެ ގުޅުމަށް ވެސް ވަނީ ނޭދެވޭ އަސަރުކޮށްފަ އެވެ.
”މި ކުށްވެރިންނަށް ހިމާޔަތް ދިނުމަކީ … އެކުވެރި ގުޅުމާ ދުރު އަދި އިންސާފާ ބީރައްޓެހި ގޮތެއް.“ އިންޑިއާގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
އިންޑިއާގެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަސީނާގެ މައްޗަށް އިއްވި ހުކުމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ބަޔާނުގައި އިންޑިއާ އިން ވަނީ، ގާތް އަވަށްޓެރިއެއްގެ ހައިސިއްޔަތުން އަމަލުކުރާނީ ބަންގްލަދޭޝް ރައްޔިތުންނާއި ސުލްހަޔާއި ޑިމޮކްރަސީއަށް އެންމެ މަސްލަހަތު ހުރި ގޮތަށް ކަމަށް ބުނެފައެވެ. އަދި މިކަމުގައި ކަމާބެހޭ ފަރާތްތަކާ އެކު އުފެއްދުންތެރި ގޮތެއްގައި މަސައްކަތްކުރާނެ ކަމަށް ވެސް އިންޑިއާ އިން ބުނެފައިވެއެވެ.
އިންޑިއާ އިން މިދިޔަ އަހަރު ވެސް ވަނީ ހަސީނާ އަނބުރާ ފޮނުވަން އެދި ބަންގްލަދޭޝް އިން ހުށަހަޅާފައިވާކަން ޔަގީންކޮށްދީފައެވެ.
ހަސީނާގެ 15 އަހަރުގެ ވެރިކަމުގައި އިންސާނީ ހައްގުތަކާ ހިލާފު އެތައް އަމަލެއް ހިންގާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން ބަންދުކުރުމާއި ސިޔާސީ ވާދަވެރިން އެކި ގޮތްގޮތުން މެރުން ހިމެނެއެވެ.
ހަސީނާ އާއި އަސަދުއްޒަމާނަށް މަރުގެ ހުކުމް އިއްވުމާ އެކު، ބަންގްލަދޭޝްގެ ވަގުތީ އަދި ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ މުހައްމަދު ޔޫނުސް ވަނީ މިކަމަށް މަރުހަބާ ވިދާޅުވެފައެވެ.
މުހައްމަދު ޔޫނުސް ވިދާޅުވީ މިއީ ތާރީހީ ހުކުމެއް ކަމަށާއި، މިކަމާ ގުޅުވައި އެއްވެސް ބަޔަކު ގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.




