ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ)ގެ އިރުދެކުނު ސަރަހައްދުގައި ހުންނަ ކޮޕާ އެންޑް ކޯބަލްޓް މައިނެއްގައި ހުރި ވަގުތީ ބްރިޖެއް ވެއްޓި، ގިނަ އަދަދެއްގެ މީހުން މަރުވެއްޖެއެވެ.
މި ހާދިސާގައި 32 މީހުން މަރުވެފައިވާ ކަމަށް ލުއާލަބާ ޕްރޮވިންސްގެ އިންޓީރިއާ މިނިސްޓަރު ރޯއީ ކައުމްބޭ މަޔޮންޑޭ މިއަދު ވިދާޅުވިއެވެ.
މިނިސްޓަރު މަޔޮންޑޭ ވިދާޅުވި ގޮތުގައި ފެންބޮޑުވެފައިވާ ޓްރެންޗެއް ހުރަސްކޮށް ދިއުމަށް ހަދާފައިވާ މި ވަގުތީ ބްރިޖް ވެއްޓުނީ، އެތަނުގައި ހަރަކާތްތެރިވާ މަސައްކަތްތެރިން ބްރިޖް ހުރަސްކޮށް ދުވެފައި ދިޔަ ވަގުތުގައެވެ.
މި ހާދިސާއާއި ގުޅިގެން ޑީއާރުސީގެ އާޓިޒަނަލް އެންޑް ސްމޯލް ސްކޭލް މައިން ސަޕޯޓް އެންޑް ގައިޑެންސް ސާވިސްއިން ނެރުނު ރިޕޯޓެއްގައި ބުނީ، އެ މީހުން ބްރިޖާ ދިމާލަށް ދުވީ އެ ސަރަހައްދުގައި ތިބި ސިފައިންގެ މީހުން ބަޑިޖެހުމުގެ ސަބަބުން ބިރުން ކަމަށެވެ.
މިނިސްޓަރު މަޔޮންޑޭ މަރުވި މީހުންގެ އަދަދު 32 ކަމަށް ވިދާޅުވި ނަމަވެސް، އެ ސާވިސްގެ ރިޕޯޓުގައި ވަނީ މަދުވެގެން 40 މީހުންގެ ފުރާނަ ގެއްލިފައިވާ ކަމަށް ބުނެފައެވެ.
ޑީއާރުސީ އަކީ ދުނިޔޭގައި ކޯބަލްޓް އެންމެ ގިނައިން އުފައްދާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ކޯބަލްޓަކީ އިލެކްޓްރިކް ވެހިކަލްތަކާއި އެހެނިހެން އުފެއްދުންތަކަށް ލިތިއަމް އަޔަން ބެޓެރީ އުފެއްދުމަށް ބޭނުންކުރާ މުހިންމު މައުދަނެކެވެ.



