ގޫގުލްއިން ރާއްޖޭގައި އިންވެސްޓްކުރަން ނިންމުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢުގެ އިތުބާރު ރާއްޖެއަށް އޮތްކަމުގެ ހެއްކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގޫގުލްއިން ރާއްޖޭގައި ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ގާއިމުކުރުމަށް ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ގޫގުލްއިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ނިންމުމަކީ ރާއްޖޭގައި ގާއިމުކުރެވިފައިވާ އިންވެސްޓަރުންނަށް ފަހި މާހައުލާއި ދެފުށް ފެންނަ ނިޒާމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރު އޮތް ކަމުގެ ސިގްނަލެއް ކަމަށެވެ.
އަދި ގޫގުލްގެ މި މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދަކީ އެންމެންގެ ބައިވެރިވުންއޮތް، ޑިޖިޓަލްގޮތުން ބާރުވެރި އަދި ސިންދަފާތު ކުރެވިފައިވާ އިގްތިސާދަކަށް ހަދައި، ސަރަހައްދީ ޑިޖިޓަލް ހަބަކަށް ރާއްޖެ ހެދުމަށް އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތަށް އެއްބާރުލުން ލިބިގެންދާނެ މަޝްރޫއެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ބައިނަލްއަގުވާމީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ކުރިއެރުވުމުގައި އަމަލީގޮތުން ބައިވެރިވުމަށް ރާއްޖެ މިހާރު އޮތީ ތައްޔާރަށް ކަމަށެވެ.
ގޫގުލްއިން ރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި މަޝްރޫއަށް ދީފައިވާ ނަމަކީ ”ދިވަރު” އެވެ. މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ބައިނަލްއަގުވާމީ ސަބްމެރިން ލޭންޑިން ސްޓޭޝަނަކާއެކު ނެޓްވަރކް ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުން ހާމަކުރައްވާ ގޮތުގައި މި މަޝްރޫއަކީ މިދިޔަ އަހަރު ރައީސް އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ގޫގުލްގެ އިސްވެރިންނާއެކު ބޭއްވި މަޝްވަރާތަކަށްފަހު ކުރިއަށްގެންދާ މަޝްރޫއެކެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، ”ދިވަރު“ މަޝްރޫއަކީ ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް ކުރިއަށްގެންދެވޭ ތާރީޚީ މަޝްރޫއެއް ކަމަށެވެ.
ހިތަދޫގައި ގާއިމުކުރާ ފެސިލިޓީގެ ސަބަބުން، އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕާ ގުޅުވައިދޭ އިތުބާރުހުރި ޑިޖިޓަލް ގޭޓްވޭއަކަށް ރާއްޖެ ވެގެންދާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
މިނިސްޓްރީން ވިދާޅުވީ، ގޫގުލްގެ މި އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ މިންވަރު ހާމަވާނެ ކަމަށެވެ. އަދި ކްލައުޑް ސާވިސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް އަދި ޓެކްނޮލޮޖީ ސްޓާޓްއަޕްފަދަ ދާއިރާތައް ރާއްޖޭގައި އިތުރަށް ތަރައްގިކުރުމުގެ ފުރުސަތު މިކަމުގެ ސަބަބުން ލިބިގެންދާނެއެވެ.
ގޫގުލްއިން ރާއްޖޭގައި މި މަޝްރޫއު ހިންގުމަށް ނިންމާފައިވަނީ އުރީދޫ އަދި ދިރާގާ ގުޅިގެންނެވެ.



