މިއަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ނަފްސާނީ ބަލިތަކަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިގެ ދަށުން ދޭން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، މިއަދާ ހަމައަށްވެސް ނަފްސާނީ ބައްޔަށް ކުރާ ޚަރަދު އާސަންދައިން ނުލިބޭކަމަށާއި، އެކަން ނިމުމަކަށް ގެނައުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަމަށެވެ.
ރައީސް ވިދާޅުވީ، ނަފްސާނީ ބަލިތަކުގެ ފަރުވާގެ ހުރިހާ ޚަރަދެއް އާސަންދައިގެ ދަށަށް ގެނައުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ވަޢުދެއް ކަމަށާއި، އެ ވަޢުދު އެކެއް ޖެނުއަރީން ފެށިގެން ޢަމަލީގޮތުން ތަންފީޒުވާނެ ކަމަށެވެ.
”މިއަދާ ހަމައަށްވެސް ނަފްސާނީ ބައްޔަށް ކުރާ ޚަރަދު އާސަންދައަކުން އެއްކޮށް ކަވަރއެއް ނުވޭ. އަޅުގަނޑުމެން ހައިރާންވެފަ މި ތިބީ މި ކަމުގަ. އެކަން ނިމުމަކަށް ގެނެސް، 1 ޖެނުއަރީ ފެށިގެން ނަފްސާނީ ބައްޔަށް ކުރާ ހުރިހާ ޚަރަދެއް އާސަންދައިން ކަވަރ ވާނެ.“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އެމަނިކުފާނު ވަނީ މި ދާއިރާއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.
އެގޮތުން، ގުރައިދޫގައި ހުރި ނަފްސާނީ ބަލިތަކަށް ފަރުވާދޭ މަރުކަޒަށް ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ސަމާލުކަމެއް ދީފައިނުވާކަން ފާހަގަކުރައްވައި، މިހާރު އެތަނުގައި 50 މިލިއަން ރުފިޔާގެ މަޝްރޫޢެއް ފަށާފައިވާކަން ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި މިފަދަ މަޝްރޫޢެއް ފަށާ ފުރަތަމަ ފަހަރު ކަމަށެވެ.



