ރާއްޖޭގެ ސިއްހީ ހިދުމަތްތައް ލާމަރުކަޒީކޮށް ފުޅާކުރުމުގެ ގޮތުން، މިހާރު ހުރި ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކުގައި ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެމްއާރުއައި ގެ ހިދުމަތް ގާއިމްކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން މިރޭ ސޯޝިއަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މެޑިކަލް އިމޭޖިންގެ އެންމެ މުހިންމު ހިދުމަތްތައް ރައްޔިތުންނާ ގާތަށް ގެނައުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. މި މަސައްކަތުގެ ދަށުން، މިވަގުތު އެމްއާރުއައިގެ ހިދުމަތް ނެތް ޓާޝަރީ ހޮސްޕިޓަލެއް ނޯންނާނެ ގޮތަށް، ކުރިޔަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި އެ ހިދުމަތް ގާއިމްކުރެވިގެންދާނެއެވެ.
މީގެ އިތުރުން، ރައީސް ވަނީ ސީޓީ ސްކޭންގެ ހިދުމަތްވެސް ފުޅާކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ. މިވަގުތު ސީޓީ ސްކޭންގެ ހިދުމަތް ރައްޔިތުންނަށް ލިބުން ދަތިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި 15 ރަށެއްގައި އިމާރާތުގެ ގޮތުންނާއި ވަސީލަތުގެ ގޮތުން އެންމެ ފެންވަރު ރަނގަޅުކޮށް ސީޓީ ސްކޭންގެ ހިދުމަތް ގާއިމްކުރެވިގެންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، މިފަދަ ބޮޑެތި ޓެސްޓުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެދުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދިއުމަކީ މާލެއާ ރާއްޖެއިން ބޭރަށް ފަރުވާއަށް ދާންޖެހޭ ޖެހުން ވަރަށް ބޮޑުތަން ކުޑަކުރެވިގެންދާނެ ކަމެކެވެ.
ސިއްހީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ޑައިވަރުންނަށް ބޭނުންވާ ހިދުމަތް ދިނުމަށްޓަކައި ޑީކޯޗެންބާސް ގާއިމް ކުރުމަށް ވެފައިވާ ވައުދުތައްވެސް ކުރިޔަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ފުރިހަމަ ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



