24 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، 2025 ނޮވެމްބަރ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މާލެ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.
އަދި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވިގެން، ހަމަ އެދެވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށާއި، އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ދިވެހި އަންހެނަކަށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، މި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ. އަދި އަނިޔާ ލިބިފައިވާ ފަރާތަށް ބޭނުންވާ ސިއްހީ ފަރުވާއާއި ސައިކޯސޯޝަލް އެހީތެރިކަން ދަނީ ފޯރުކޮށްދެމުންކަމަށް ފުލުހުން ބުންޏެވެ.
ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާ ގުޅޭ މައުލޫމާތު ފެތުރުމުގައި، އެފަރާތްތައް އިތުރަށް ވިކްޓިމައިޒް ނުކުރުމަށާއި، އަނިޔާ ލިބުނު ފަރާތާއި އެ އާއިލާގެ އިހުސާސްތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، އަދި އެފަރާތްތަކުގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އަމަލުކުރުމަށް ފުލުހުން އެދިފައިވެއެވެ.




