ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލިމީހުން އަވަހަށް އުފުލުމަށްޓަކައި ހާއްސަކުރެވިފައިވާ އެއާ އެމްބިއުލާންސްގެ ހިދުމަތުގައި މިހާތަނަށް 1556 ބަލި މީހުން އުފުލާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށި ފަހުން މިދިޔަ އަހަރު މާޗް އިން ފެށިގެން މި އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް 1372 ދަތުރުކޮށް، 1556 ބަލި މީހުން އުފުލާފައިވާ ކަމަށެވެ.
އެއާ އެމްބިއުލޭންސްގެ ފްލައިޓަކީ މޯލްޑިވިއަންގެ އެއާ ކްރާފްޓެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މިދިޔަ އަހަރުގެ މާރިޗް އެއް ވަނަ ދުވަހު ރާއްޖެއަށް މި ހިދުމަތް ވަނީ ފަށައިފައެވެ.
ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމަކީ ރައީސް ޑރ. މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ. އެމަނިކުފާނުގެ ތަސައްވުރަކީ އެއާ އެމްބިއުލާންސް ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރަށް ބަލިމީހުން ފަސޭހައިން އުފުލޭނެ އިންތިޒާމް ހަމަޖެއްސެވުމެވެ.
މި ތަސައްވުރުގެ ދަށުން، ރާއްޖޭގެ އަވައްޓެރި ގައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހީންނަށް ބޭސްފަރުވާގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި، އެ ގައުމުތަކަށް ވެސް ރާއްޖެއިން ބަލިމީހުން އުފުލުމުގެ އަވަސް އިންތިޒާމް ހަމަޖެއްސުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.
މި ސިޔާސަތުގެ ދަށުން ދާދި ފަހުން ވަނީ ދުބާއި އާއި ތައިލެންޑަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.




