ވޭތުވެދިޔަ ދެ އަހަރުގެ ރަމަޞާން މަހު ކަރަންޓު ބިލް ޑިސްކައުންޓްގެ ގޮތުގައި 118 މިލިއަން ރުފިޔާ ދީފައިވާކަމަށް ސްޓްލްކޯއިން މިއަދު ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، ރައްޔިތުން އުފުލަންޖެހޭ މާލީ ބުރައަށް ލުއިކަމެއް ހޯދައިދިނުމުގެ ގޮތުން، ރޯދަ މަހުގެ ކަރަންޓާއި ފެން ބިލުން ޑިސްކައުންޓެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާއި އެއްގޮތަށް، ސްޓެލްކޯއިން ކަރަންޓާއި ފެނުގެ ހިދުމަތްދޭ ހުރިހާ ސަރަހައްދެއްގައި ވަނީ ބިލްތަކުން ޑިސްކައުންޓް ދީފައި ކަމަށެވެ.
އެގޮތުން، 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ރަމަޞާން މަހުގެ ބިލްތަކުން ޖުމްލަ 118,100,862.94 ރުފިޔާ ޑިސްކައުންޓް ކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ދީފައިވާ ޑިސްކައުންޓްތައް:
- 2024 މާޗް: 20,766,209.77 ރުފިޔާ
- 2024 އޭޕްރީލް: 43,578,473.87 ރުފިޔާ
- 2025 މާޗް: 20,576,114.66 ރުފިޔާ
- 2025 އޭޕްރީލް: 33,180,064.64 ރުފިޔާ
ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރޯދަ މަހު ކަރަންޓު ބިލްތަކުން ޑިސްކައުންޓް ދިނުމުގެ އިތުރުން، ބޭނުންވާ ކާބޯތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.



