”ރަށު ޚަޠީބުން“ގެ ނަމުގައި އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން ޒުވާން ޚަޠީބުންނާއި ގުޅޭ ޑޮކިއުމެންޓްރީއެއް ނެރެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މި ޑޮކިއުމެންޓަރީއަކީ އެ މިނިސްޓްރީން މި ދައުރުގައި ކުރިއަށް ގެންދާ އެންމެ މުހިއްމު އެއް ޕްރޮގުރާމުކަމަށްވާ ޒުވާން ޚަޠީބުން ޕްރޮގުރާމުގެ ސަބަބުން ޚަޠީބުންގެ ދަތިކަން އިންތިހާއަށް އޮތް އއ. ފެރިދޫއަށް، ޚަޠީބުންގެ ދަތިކަމުގެ މައްސަލައަށް ހައްލު ލިބިގެން ދިޔަ ގޮތް ދައްކުވައިދޭނެ ޑޮކިއުމެންޓަރީއެކެވެ.
މިނިސްޓްރީން ބުނިގޮތުގައި، މި ޑޮކިއުމެންޓަރީގައި މީގެ ކުރިން ކައިރި ރަށްރަށުން ޚަޠީބުން ގެނައުމަށް އެރަށު ކައުންސިލުން ކުރަން ޖެހުނު ޚަރަދާއި އުފުލި ބުރައާއި، މިކަމުގެ މަޢުލޫމާތު ފޯރުކޮށްދީ މިނިސްޓްރީން ފަހިކޮށްދެއްވި ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމުގެ ސަބަބުން ލިބިގެންދިޔަ ލުއިފަސޭހަކަމުގެ މަޢުލޫމާތު ކައުންސިލުން ހިއްސާ ކުރާނެއެވެ.
އަދި އެރަށުން ހުކުރު ސަނަދު ހާސިލްކުރި ޒުވާން ޚަޠީބުންގެ އިންޓަވިއުއާއި ރަށުގެ ފާހަގަކޮށްލެވޭ އެކި ފަރާތްތަކުގެ އިންޓަވިޔުވެސް ހިމެނިފައިވާނެއެވެ.
ޒުވާން ޚަޠީބުން ޕްރޮގުރާމަކީ ރާއްޖޭގެ އެކި ރަށްތަކަށް ޚަޠީބުންގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދިޔަ ޕްރޮގުރާމެކެވެ.
މި ސަރުކާރުން ވަނީ ދެ އަހަރުގެ ތެރޭގައި 503 ޒުވާން ޚަޠީބުން އުފައްދާފައެވެ.




