ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ އީގޭޓްތައް ވީއައިއޭގެ އާ ޓާމިނަލުގައި ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ޖެނުއަރީ 1، 2026 ގެ ކުރިން އެރައިވަލް އަދި ޑިޕާޗަރ ހިމެނޭހެން ކޮންމެ ޓާރމިނަލްއެއްގައި 10 ގޭޓް (ޖުމްލަ 20 ގޭޓް) ހަރުކުރެވި ބޭނުންކުރަން ފެށޭނެ އެވެ. މީގެ އިތުރުން، ރާއްޖޭގެ އެހެނިހެން އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގައި ވެސް 2026 ވަނަ އަހަރު މިފަދަ އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަން ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ވީއައިއޭ ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ވަންދެން ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުމެވެ.
މި އީގޭޓްތަކުގެ ޒަރިއްޔާއިން ދަތުރުވެރިންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ، އެއްފަހަރު ޕާސްޕޯޓު ސްކޭން ކުރުމަށް ފަހު، ދެން ބޯޑަރ ހުރަސްކުރާއިރު އޮތޮރައިޒް ކުރެވޭނީ ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިންނެވެ.
މި ސަރުކާރުން ވަނީ މަސައްކަތުގެ ދުވެލި ހަލުވިކޮށް، ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ކުރީން ވީއައިއޭގެ އާ ޓާމިނަލްގެ މަަސައްކަތް ނިންމާފައެވެ. މިހާރު ގިނަ އެއަރލައިންތަކަށް ޚިދުމަތް ދެމުންދާ މި ރީތި އަދި ފުރިހަމަ ޓާމިނަލަށް އެންމެ ޒަމާނީ ވަސީލަތްތައް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.




