ލުބްނާންގެ ދެކުނުގައި އޮންނަ ޞައިދާ ސަހަރަށް ޔަހޫދީން ދިން ނިރުބަވެރި ވައިގެ ޙަމަލާއެއްގައި މިހާތަނަށް 13 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށް، ލުބްނާންގެ ސިއްޙީ ވުޒާރާއިން ބުނެފިއެވެ.
މި ޙަމަލާ އަމާޒުކޮށްފައިވަނީ، ޞައިދާ ކައިރީގައި ފަލަސްޠީނުގެ ރައްޔިތުން ހިޔާވަހިކަން ހޯދައިގެން ތިބި ޢައިން އަލް ޙުލްވާ ރެފިއުޖީ ކޭމްޕަކަށެވެ.
ޔަހޫދީން ބުނެފައިވަނީ މި ސަރަޙައްދުގައި ހަނގުރާމަވެރިން ތިބި ކަމަށެވެ.
ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނީ، ހަނގުރާމަވެރިން ތިބި ކަމަށް ބުނެ ޔަހޫދީންގެ މި ނިރުބަވެރި، އަދި ރަޙުމްކުޑަ ޙަމަލާ ދިފާޢުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ޙަމާސުން ބުނި ގޮތުގައި، ލުބްނާންގައި އެ ޖަމާޢަތުގެ އެއްވެސް އަސްކަރީ ތަމްރީން މަރުކަޒެއް ޤާއިމުކޮށްފައި ނުހުންނާނެއެވެ.
އަދި ޔަހޫދީންގެ ނިރުބަވެރި ޙަމަލާ އަމާޒުކޮށްފައިވަނީ، ހާމަކަން ބޮޑުކޮށް އޮންނަ ކުޅިވަރު ދަނޑެއްގައި ޤާއިމުކޮށްފައިވާ ފަލަސްޠީންގެ ގިނަ އަދަދެއްގެ ރައްޔިތުން ހިމާޔަތް ހޯދައިގެން ތިބި ވަގުތީ ހިޔާތަކަކަށް ކަމަށް ޙަމާސުން ބުނެއެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ޢުދުވާނާ ގުޅިގެން ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ އޭގެ އެއް ދުވަސް ފަހުންނެވެ. ޙިޒްބުاللهގެ އަމާޒަކީ ފަލަސްޠީނުގެ ރައްޔިތުންނާއި، މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމެވެ. އަދި، ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ.
އެއަށް ފަހު، 2024 ސެޕްޓެންބަރު 30ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައެވެ. ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރު ބޭނުން ކޮށްގެން ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ވެރިރަށް ބައިރޫތަށެވެ.
ހުސްވި އަހަރުގެ ނޮވެންބަރު މަހު ޙިޒްބުاللهއާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވީ ނަމަވެސް ޔަހޫދީން ދަނީ އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ.
އަދި، ދޭތެރެދޭތެރެއިން ލުބްނާންގެ ރަށްތަކާއި ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާ ދެމުންނެވެ.



