މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި، އޭނާއާއެކު އުޅުނު ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އެއްބަސްވެއްޖެ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް ދައުލަތުން ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި ރައުދަށް އެ ދައުވާ ކުރަނީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިކަންދީފައިނުވާތީ އާއި އެކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާތީއެވެ.
މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައުދު ވަނީ ދައުވާއަށް އެއްބަސްވެފަ އެވެ. އޭނާ އެއްބަސްވީ ދައުލަތާ އެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އެހެންކަމުން، އެ އެއްބަސްވުން ބަލައިގަނެ، އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި އެ މައްސަލާގެ ހުކުމް އަންނަ ހަފްތާގައި އިއްވުމަށް މިހާރު ވަނީ ނިންމައިފައެވެ.
އެ ދައުވާއަށް ރައުދު އެއްބަސްވިއިރު، އެ ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ކުށަށް އިއުތިރާފްވުމުން އަދަބު ލުއިވާނެއިރު، ތަހުގީގު މަރުހަލާގައި އޭނާ މަހެއްހާ ދުވަހު ބަންދުގައި ހުރެފައިވާތީ ދެން ތަންފީޒު ކުރަން ޖެހޭނީ ވަރަށް ކުޑަ މުއްދަތެކެވެ.




