މާލީ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކޯރަސްގެ ފަރާތުން ”އައުޓްސްޓޭންޑިންގ އެޗީވްމަންޓް އޮފް ދަ އިޔަރ އިން ފައިނޭންޝަލް އިންކްލޫޝަން“ގެ ޝަރަފުވެރި އެވޯޑު، ދުބާއީގައި ބޭއްވި ރީއިންވެންޓް ފޯރަމް 2025 ގައި ބޭންކް އޮފް މޯލްޑިވްސްއަށް ދީފިއެވެ.
ބޭންކަށް މި އެވޯޑު ދީފައި ވަނީ ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫއާއެކު ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ބޭންކިންގ ޚިދުމަތް ގާއިމުކޮށް، މާލީ ބައިވެރިވުން އިތުރުކުރުމަށް ކުރެވުނު ހަރުދަނާ މަސައްކަތަށެވެ.
ބޭންކުން މި މަޝްރޫއު ނިންމާލާފައި ވަނީ 28 އޮކްޓޫބަރު 2025 ގައެވެ. މި މުހިންމު މަޝްރޫއިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް-ސަރވިސް ބޭންކިން ޚިދުމަތް ބީއެމްއެލް އިން ވަނީ ގާއިމުކޮށްފައެވެ.
”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫއުގެ ދަށުން 9 މަސްދުވަހުގެ ތެރޭގައި 105 ރަށެއްގައި އޭޓީއެމް ބަހައްޓައި، އެތައްހާސް ދިވެހީންނަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ ބޭންކިންގ ޚިދުމަތެއް ގާއިމުކޮށްފައިވެއެވެ.
”ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް އަޅުގަނޑުމެންގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ އަގުވަޒަންކޮށް، މި އެވޯޑު ލިބުމަކީ އަޅުގަނޑުމެނަށް ލިބޭ ފަޚުރެއް. މިކަމުން ހާމަވެގެންދަނީ އަޅުގަނޑުމެންގެ މި މަޝްރޫއުގެ މުހިންމުކަމާއި ބޭނުންތެރިކަން. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޚިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެނަށް ލިބޭ އުފަލެއް އަދި އަޅުގަނޑުމެންގެ އަމާޒަކީ ބޭންކުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ކަސްޓަމަރުންނަށް އެންމެ ބޭނުންވާ ޚިދުމަތެއް ފޯރުކޮށްދިނުން.“ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ކޯރަސް އަކީ މާލީ ދާއިރާގައި ދުނިޔޭގެ އިތުބާރު ހޯދާފައިވާ ބްރޭންޑެކެވެ. އަދި މީގެ އިތުރުން ކޯރަސްއަކީ ދުނިޔޭގެ 120 އަށް ވުރެ ގިނަ ގައުމެއްގެ 1200 މާލީ އިދާރާގެ ފުރިހަމަ ތާއީދު ލިބިފައިވާ ބްރޭންޑެކެވެ.
ބީއެމްއެލްއިން ބުނިގޮތުގައި، އެ ކުންފުނީގެ އަމާޒަކީ، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.



