2025 ވަނަ އަހަރުގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް މޮރޮކޯގެ ޑިފެންޑަރ އަޝްރަފް ހަކީމީ ހޯދައިފިއެވެ.
އަޝްރަފް ހަކީމީއަކީ 1998 ވަނަ އަހަރު މޮރޮކޯގެ މުސްތަފާ ހާޖީ އަށް ފަހު މި މަގާމަށް ހޮވުނު އެ ގައުމުގެ ފުރަތަމަ ކުޅުންތެރިޔާއެވެ.
ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުންދާ އުމުރުން 27 އަހަރުގެ އަޝްރަފް ހަކީމީ އާއި މި މަގާމަށް އެންމެ ގާތުން ވާދަކޮށްފައިވަނީ އިނގިރޭސި ކްލަބް ލިވަޕޫލް އަށް ކުޅެމުންދާ މިސްރުގެ ފޯވަޑް މުހައްމަދު ސަލާ އާއި ނައިޖީރިޔާގެ ވިކްޓަރ އޮސިމްހޭންއެވެ.
2023 އަދި 2024 ވަނަ އަހަރު ވެސް މި އެވޯޑަށް ވާދަކުރި ތިން ކުޅުންތެރިންގެ ތެރޭގައި ހަކީމީ ހިމެނިފައިވާއިރު، ނިމިގެންދިޔަ ފުޓްބޯޅަ ސީޒަނުގައި ހަކީމީ ވަނީ ޕީއެސްޖީ އަށް ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދައިދިނުމުގެ އިތުރުން، ފުރަތަމަ ފަހަރަށް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި އެ ކްލަބަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަރ މިލާން އަތުން 5-0 ގެ ނަތީޖާއަކުން ޕީއެސްޖީ މޮޅުވި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ވެސް ހަކީމީއެވެ.
އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުމަށްފަހު ހަކީމީ ބުނެފައިވަނީ މި އެވޯޑަކީ އޭނާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
”މި އެވޯޑަކީ އަހަރެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެއް އަދި މިއީ އަހަރެންނަށް އެކަނި ލިބުނު އެވޯޑެއް ނޫން. މިއީ ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކަށް ލިބިގެންދިޔަ އެވޯޑެއް.“ ހަކީމީ ބުންޏެވެ.
މޮރޮކޯގެ ވެރިރަށް ރަބަތް ގައި ބޭއްވި ކޮންފެޑަރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) ގެ އެވޯޑް ހަފްލާގައި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވިފައިވަނީ މޮރޮކޯގެ އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ގިޒަލާން ޗެބަކްއެވެ.
އެފްރިކާގެ މޮޅު ކުޅުންތެރިން ހޮވަނީ ސީއޭއެފްގެ ޓެކްނިކަލް ކޮމިޓީގެ މެމްބަރުންނާއި އެފްރިކާގެ ކުޅިވަރު ނޫސްވެރިންގެ އިތުރުން ކުޅުންތެރިންނާއި ކޯޗުންގެ ވޯޓުންނެވެ.




