ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިންނަށް ހުންނަ ފަރާތްތަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް އެމްޕީއެލްގެ ވެބްސައިޓް ބޭނުންކުރެވޭނެ އެކްސެސިބިލިޓީ ފީޗާރއެއް ތަޢާރަފްކޮށްފިއެވެ.
އެމްޕީއެލްގެ ވެބްސައިޓްގައި އަލަށް ތަޢާރަފްކުރި ފީޗަރ އިއްޔެ ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ.އާއިޝަތު ޝިހާމެވެ.
މި ފީޗަރ ލޯންޗްކުރީ އެމްޕީއެލްއާ އަލަށް ގުޅުނު ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާ ލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށް މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެމްޕީއެލްއިން ބުނިގޮތުގައި މިއީ އެ ކުންފުނިން އިސްނަގައިގެން، އެމްޕީއެލްގެ އައިސީޓީ ސަރވިސަސް ޑިޕާޓްމަންޓްގެ މަސައްކަތުން ތަޢާރަފްކުރި ފީޗާރއެކެވެ. މި މަސައްކަތުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ އެހީތެރިކަމާއި ލަފާ ލިބިފައިވާ ކަމަށާއި، އަދި މި ފީޗާގެ ޓެސްޓިންގ މަރުހަލާގައި، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސްގެ ހިޔާލާއި ލަފާ ހޯދާފައިވާކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިފަދަ އެކްސެސިބިލިޓީ ފީޗާއެއް ވެބްސައިޓްގައި ތަޢާރަފްކުރި ފުރަތަމަ ކުންފުންޏެވެ.
”އެމްޕީއެލްއިން އިސްނަަގައިގެން، މިފަދަ ކަމެއް ކުރީތީ އަޅުގަނޑުމެން ޝުކުރުވެރިވަން. އުންމީދުކުރަނީ އެހެން ކުންފުނިތައްވެސް އެމްޕީއެލް މިސާލަކަށް ނަގައިގެން، މިފަދަ ފީޗާއެއް ތާއަރަފްކުރާނެ ކަމަށް.“ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ، ސައްދާމް ވިދާޅުވިއެވެ.
އެމްޕީއެލްއިން ބުނިގޮތުގައި މި ވަގުތުވެސް ނުކުޅެދުންތެރިކަން ހުންނަ 32 ފަރާތެއް އެ ކުންފުނީގައި ވަޒީފާ އަދާކުރެއެވެ. އަދި އެމްޕީއެލްއިން މިހާރު ވަނީ ނުކުޅެދުންތެރިކަން ހުންނަ އިތުރު 40 ފަރާތަކަށް ވަޒީފާގެ ފުރުސަތު ދީފައެވެ.
މި ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ދިނުމުގެ އިތުރުން، މަސައްކަތުގެ މާޙައުލުގައި ތަފާތުނުކުރުމާއި ހަމަހަމަ ފުރުޞަތުތައް ކަށަވަރުކޮށްދިނުމާއި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާޢިމްކޮށްދިނުމަށް އެމްޕީއެލްއިން ބޮޑު އަހަމިއްޔަތެއް ދޭކަމެކެވެ.
އިއްޔެ އެ ކުންފުނިން ވަޒީފާ ފުރުސަތު ފަހިކޮށްދީފައިވާ ތަންތަނުގެ ތެރޭގައި ކުޅުދުއްފުށި ޕޯޓާއި ސ. ހިތަދޫ ޕޯޓް ހިމެނެއެވެ.




