މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1 ގައި ތާރު އެޅުމުގެ މަސައްކަތްތައް ފަށައިފިއެވެ.
144 މިލިޔަން ރުފިޔާއަށް މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
މާލޭގެ ބޭރު މަގު ތަރައްޤީކުރުމުގެ މި މަސައްކަތް ކުރިއަށްގެންދަނީ ޖުމްލަ 5 ސެގްމަންޓަކަށް ބަހާލައިގެންނެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރަނީ މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ހުޅުމާލެ ފެރީ ޓަރމިނަލްއާ ހަމައަށެވެ. ސެގްމަންޓް 1 ގެ މަސައްކަތް ކުރިއަށްދަނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށް ކަމަށް ވެއެވެ. އެއީ 130 މީޓަރުގެ ސަރަޙައްދެކެވެ.
އެމްޓީސީސީން ބުނީ، ސެގްމަންޓް އެކެއްގެ %91 މަސައްކަތް މިހާރު ނިމިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ތާރު އެޅުމުގެ މަސައްކަތްތައް ކަމަށެވެ.

އެގޮތުން ތާރު ފަށަލަ އެޅުމުގެ ކުރިން އަޅާ އޭބީސީ ލޭޔަރގެ މަސައްކަތް ފަށާފައިވާއިރު، އޭބީސީ ލޭޔަރގެ މަސައްކަތް ނިމުމާއެކު، ތާރު އެޅުމުގެ މައިގަނޑު މަސައްކަތް ފެށޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން އިތުރަށް ބުނިގޮތުގައި ޔުޓިލިޓީ ވިއުގައިގެ މަސައްކަތްތަކާއި، ޒަމާނީ ފެން ހިންދާ ނިޒާމުގެ މަސައްކަތްވެސް މި ސެގްމަންޓުގައި މުޅިން ނިމިފައިވާކަމަށެވެ. އަދި ސައިޑް ވޯކްގެ %87 މަސައްކަތްވެސް ވަނީ ނިންމާފައެވެ. މި މަސައްކަތުގެ ތެރޭގައި އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީކޮށްފައިވަނީ މަގު ފުޅާކުރުމަށްޓަކައި ބޭރުތޮށި 6 މީޓަރު ބޭރަށް ޖެއްސުމަށްފަހުއެވެ.
މުޅި މިމަޝްރޫޢުގެ 5 ސެގްމަންޓްގައި ޖުމްލަ 830 މީޓަރުގެ މަގު ތަރައްޤީކުރެއެވެ. މަސައްކަތްތައް އަވަސްކުރުމަށްޓަކައި އެމްޓީސީސީން 24 ގަޑިއިރު އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެ ކުންފުނިން މަސައްކަތްކުރަމުންދަނީ، ތާރު އެޅުމާ ގުޅޭ މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމުމަށެވެ.



