ކުރީގެ މަޝްހޫރު ފުޓުބޯޅަ ތަރި ޑޭވިޑް ބެކަމްގެ 88.2 މިލިއަން ފޮލޯވަރުން ތިބި އިންސްޓަގްރާމާއި 57 މިލިއަން ފޮލޯވަރުން ތިބި ފޭސްބުކްގައި މުޅި ދުނިޔެއަށް ދޫކޮށްލާފައިވަނީ ރާއްޖޭގެ އުމުރުން ތިން އަހަރުގެ ކުއްޖެއް ކަމަށްވާ ”ބަބުލް“ގެ ވާހަކައެވެ.
ބަބުލްގެ ވާހަކަ ބެކަމް އާއްމުކުރީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެންނެވެ.
ބެކަމް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ކުއްޖަކަށްވެސް ތައުލީމާއި، ފުރުސަތާއި، ރައްކާތެރިކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ޔުނިސެފުން ކުރަމުންދާ މުހިންމު މަސައްކަތަށް އޭނާ ތާއީދު ކުރާ ކަމަށެވެ.
އަދި ރާއްޖޭގެ ތިން އަހަރުގެ ބަބުލް އަކީ އޭނާ ވަރަށް ބޮޑަށް އިންސްޕަޔަރ ކޮށްދިން ކުއްޖެއް ކަމަށް ބެކަމް ފާހަގަކުރިއެވެ.
”ބަބުލްގެ ވާހަކަ ހިއްސާކުރުމަށް މި ޕްލެޓްފޯރމް ބަބުލްއަށް ދޭން ބޭނުންވި. ބަބުލްގެ މެސެޖަކީ، ކޮންމެ ކުއްޖެއްގެ އަޑަކީވެސް، ކިތަންމެ ކުޑަ ނަމަވެސް، އެއީ އަޑުއަހަންޖެހޭނެ އަޑެއްކަމުގެ ހަނދާންކޮށްދިނުން.“ ބެކަމް ބުންޏެވެ.
ބެކަމްގެ އާއްމު ކުރި ވީޑިއޯ ފެށެނީ ކޮންމެ ކުއްޖަކަށްވެސް އުނގެނުމާއި، ހުވަފެން ހަގީގަތަކަށް ހެދުމާއި، އުފާވެރިކަމާއި، ލޯބި އިހުސާސް ކުރުމާއި، ރައްކާތެރި ހައްގު ލިބިގެންވާ ކަމަށް ބެކަމް ބުނާ ތަނުންނެވެ.
ދެން އޭނާ ދައްކާލަނީ ތިން އަހަރުގެ ބަބުލްއެވެ. ސްކޫލަށް ދާން ތައްޔާރުވަމުން ދިޔަ ބަބުލް، އަމިއްލައަށް ބޫޓަށް އަރައި، އޭނާގެ ވާހަކަ ފަށައިގަނެއެވެ. އޭނާ ބުނަނީ އޭނާއަކީ ތިން އަހަރުގެ ބަބުލް ކަމަށާއި، ސްކޫލަށް ދާން ތައްޔާރުވަމުންދާ ކަމަށެވެ. ވީޑިއޯއިން ދެން ފެންނަނީ ބަބުލް ގޮވައިގެން އޭނާގެ މަންމަ ސްކޫލަށް ދާ މަންޒަރެވެ.
”ސްކޫލަށް ގޮސްފައި، ފަން ކޮށްލާފައި، ލަވަ ކިޔާލާނީ، ޕްލޭ ގްރައުންޑަށް ގޮސްފައި ކުޅެލާނީ.“ ބަބުލް ސްކޫލްގައި ކުރާނެ ކަންތައްތައް ކިޔާދެމުން ބުނެފައިވެއެވެ.
ވީޑިއޯއިން ފެނިގެން ދަނީ އޭނާ ސްކޫލްގައި ކުޅޭ ތަނާއި، ކްލާސް ތެރޭގައި ވަގުތު ހޭދަ ކުރާ މަންޒަރެވެ. އަދި ސްކޫލްގައި މަސައްކަތް ކުރުމަށްފަހު، މަންމަ އާއި ބައްޕަ އަދި ދައްތަވެސް ބަބުލްއާއެކު ތިބޭ މަންޒަރު ފެންނަ ވީޑިއޯ ކޮޅުގައި، ބަބުލް ބުނެފައިވަނީ ސްކޫލް އައިސް ސިއްހަތަށް ފައިދާ ހުރި މޭވާ ކާނެ ކަމަށެވެ. އަދި އަމިއްލައަށް ހެދުން ސެލެކްޓް ކުރަން ބޭނުންވާ ވާހަކަ ބުނެފައި، ހެދުން ބަދަލުކޮށްލުމަށްފަހު، މަންމަ އާއި ބައްޕައާއެކު ބޭރަށް ދެވޭތީ ވަރަށް އުފާވާ ކަމަށްވެސް ބުންޏެވެ.
ވީޑިއޯގެ އެހެން ބައިތަކުން ފެނިގެންދަނީ ބަބުލް ކުޅޭ ތަނެވެ. ކުޅުމުގެ ތެރޭގައި ބަބުލް ވެއްޓޭއިރު، އޭނާ ބުނަނީ މަންމަ އާއި ބައްޕަ އޭނާއަށް އެނާޖީ ދިނީ ކަމަށެވެ. އަދި ”އައި އޭމްއަ ބިގް ސްޓްރޯންގް ގާލް“ ކަމަށް އޭނާ ބުނެއެވެ. މީގެ އިތުރުން ބަބުލް ކުނި ހޮވައިގެން ޑަސްޓްބިންއަށް އަޅާ މަންޒަރުވެސް މި ވީޑިއޯގައި ހިމަނާފައިވެއެވެ. އޭނާއަކީ ރީތި ކުއްޖެއް ކަމަށް ބުނުމަށްފަހު، އެއް މިނެޓާއި 15 ސިކުންތުގެ އެ ވީޑިއޯ ނިމެއެވެ.
ބަބުލްގެ އެއް ދުވަސް ކިޔާދޭ މި ވީޑިއޯއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. ފޭސްބުކްގައި މި ވީޑިއޯއަށް 12،000 ލައިކްސް، 350 އަށްވުރެ ގިނަ ކޮމެންޓްސް، އަދި 260 އަށް ވުރެ ގިނަ ޝެއާ ލިބިފައިވެއެވެ.
އިންސްޓަގްރާމްގައި ޕޯސްޓް ކުރި މި ވީޑިއޯއަށް ލައްކައަކަށްވުރެ ގިނަ ލައިކްސް ލިބުނުއިރު، 1،300 އަށްވުރެ ގިނަ ކޮމެންޓްސް، އާއި 2،000 އަށްވުރެ ގިނަ ޝެއާ ލިބިފައި ވެއެވެ.




