ނަމާދު އެޅުމަކީ ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ނަމާދު އެޅުމުގެ ނުރައްކާތެރިކަން“ މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ބުނީ، މުސްލިމަކަށްވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދު ކަމަށާއި އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ﷲ تَعَالَىގެ ކޯފާ އަންނާނެ ކަމެއް ކަމަށެވެ.
ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒުކަމަށް ހުތުބާގައި ފާހަގަކުރަމުން ބުނީ، މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ”ހަމަކަށަވަރުން، ނަމާދަކީ މުއުމިންތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައި ވެއެވެ.“ އަދި ރަސޫލު الله صلى الله عليه وسلم ޙަދީޘްކުރައްވައިފައި ވެއެވެ. ”ދީނުގެ ބޮލަކީ، ނުވަތަ އަސްލަކީ އިސްލާމްކަމެވެ. އަދި ދީނުގެ ތަނބަކީ ނަމާދެވެ.“
ހުތުބާގައި ބުނިގޮތުގައި، ނަމާދަކީ ލޮލުގެ ފިނިކަމެއްކަމުގައި ލައްވައި ހިތްދަތިކަމާއި ހިތާމައިން އަރައިގަތުމަށް ބާރެއްކަމުގައި ލައްވައިފައިވެއެވެ. އަދި ނަމާދަކީ އަޅާއަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ އަޅުކަމެކެވެ. ކާމިޔާބާއި ނަޞްރު ލިބުމަށް މަގު ފަހިކޮށްދޭ އަޅުކަމެކެވެ. ޢިއްފަތްތެރިކަމުގައި ދެމިހުރުމަށް ބާރެކެވެ.
ނަމާދަކީ ގަދަވެ ހެޔޮ ޙާލުގައްޔާއި ބަލި ޙާލުގައި އޮންނަ އިރުގައްޔާއި ރަށުގައި ޤާއިމުވެ ހުންނަ އިރާއި ދަތުރުމަތީގައި އުޅޭ އިރު ވެސް ކުރުމަށް އަންގަވައިފައިވާ އަޅުކަމެއް ކަމަށާއި، ހަނގުރާމައިގެ ޙާލަތުގައި ވެސް ދޫކޮށްނުލުމަށް އަންގަވައިފައިވާ އަޅުކަމެއްކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ މުސްލިމެއްގެ ގޮތުގައި ހުރެ ދުނިޔެ ދޫކޮށްފައިދާ ކޮންމެ މީހެއްގެ ވެސް އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނޭ ކަމަކަށް އަންގަވައިފައިވަނީ ނަމާދާ ބެހޭ ގޮތުން ކަމަށެވެ.
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ”ހަމަކަށަވަރުން، ޤިޔާމަތްދުވަހު އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭހުށީ، އޭނާގެ ނަމާދާ މެދުގައެވެ. ފަހެ، އެ ނަމާދު ރަނގަޅުވެއްޖެ ނަމަ، ހަމަކަށަވަރުން، އޭނާ ކާމިޔާބުވެ، ނަޖާވާހުއްޓެވެ. އަދި އެ ނަމާދު ފާސިދުވެއްޖެ ނަމަ، ފަހެ، ހަމަކަށަވަރުން، އޭނާ ނާކާމިޔާބުވެ، އަބާއްޖަވެރިވާހުއްޓެވެ.“
ހުތުބާގައި އިތުރަށް ބުނިގޮތުގައި، ނަމާދު އެޅުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނޭ ކަމެއް ނޫނެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ހަމައެކަނި ރަމަޟާން މަހު ބަރާބަރަށް ނަމާދުކުރާ މީހުންނެވެ. އަދި އަނެއްބައި މީހުންނަކީ ހަފުތާގެ ހުކުރުދުވަހު ކުރެވޭ ހުކުރު ނަމާދަށް އެކަނި ޙާޒިރުވާ މީހުންނެވެ. އަނެއް ބަޔަކީ ކޮންމެ ދުވަހަކު ކުރުމަށް ފަރުޟު ކުރައްވައިފައިވާ ނަމާދުތަކުގެ ތެރެއިން ބައެއް ނަމާދުތައްކޮށް އަނެއް ބައި ނަމާދުތައް ނުކުރާ މީހުންނެވެ. މިއިން އެއްވެސް ބަޔަކު ނަމާދުތަކަށް ފަރުވާކުޑަކޮށްލައިފައި ވަނީ ނަމާދަށް އިންކާރުކުރާ ޙާލުގައި ނޫންކަމުގައިވީނަމަވެސް އިސްވެދިޔަ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި އެއީ ނުހަނު ފާފަވެރިވާނެ ކަމެކެވެ.
ވީއިރު، ކޮންމެ މުސްލިމަކު ވެސް އޭނާގެ ނަފުސު ހިސާބުކޮށް ނަފުސަށް ގެންނާން ޖެހޭ ބަދަލުތަކާ މެދު ވިސްނުން އަވަސްކުރާން ޖެހޭނެ ކަމަށާއި، މަރު އައިސް ތިމާއާ ބައްދަލުކުރާނީ ކޮން އިރަކުކަމެއް އެއްވެސް މަޚުލޫޤަކަށް ނޭނގޭނެ ކަމަށް ހުތުބާގައި ބުންޏެވެ.
ވީމާ، ނަމާދަށް ފަރުވާތެރިވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ލާޒިމުވެގެންވާ ކަމެއް ކަމަށާއި، ނަމާދަށް ރައްކާތެރިވާން ހުތުބާގައި ނަސޭހަތްތެރިވިއެވެ.




