ބަންގްލަދޭޝްގެ މެދުތެރޭ ސަރަޙައްދަކަށް އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ތިން މީހަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާ ކަން އެ ޤައުމުގެ ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.
މި ބިންހެލުން އައިސްފައި ވަނީ ވެރިރަށް ދާކާއާ 40 ކިލޯމީޓަރު ދުރުގައި އޮންނަ ނޮރޮސިންދީއަށެވެ.
މިއަދު ހެނދުނު ރާއްޖެ ގަޑިން 9:38 ހާއިރު އައި މި ބިންހެލުމުގެ ސަބަބުން ބަންގްލަދޭޝްގެ ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބިމުގެ ހެލުންތައް ދިރާސާ ކުރާ ޖަރމަން ރީސަރޗް ސަރވިސް ފޯ ޖިޔޯސައިންސަސް (ޖީއެފްޒެޑު) އިން ކަށަވަރުކޮށްދޭ ގޮތުގައި ނޮރޮސިންދީއަށް އައި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 5.7 ގައެވެ. އެ އިދާރާއިން ބުނީ، ބިންހެލުން އައިސްފައި ވަނީ ބިމުގެ ސަތަހައިގެން ފެށިގެން 10 ކިލޯމީޓަރު ފުނަށް ކަމުގައެވެ. ނަމަވެސް، ޔޫއެސް ޖިޔޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސު)ން ބުނީ މި ބިންހެލުން ރެކޯޑު ކުރެވިފައި ވަނީ 5.5 ގައި ކަމަށާއި، ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު ވެރިރަށް ދާކާއަށް ވެސް ކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި ޢާންމުންގެ ގެދޮރާއި ޢުމްރާނީ ވަސީލަތްތަަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ރިޕޯޓުތައް ބުނާއިރު، ބައެއް ގެދޮރު ވެއްޓިފައިވާ ކަމުގައި ވެސް ބަންގްލަދޭޝްގެ ނޫސްތަކުން ރިޕޯޓު ކުރިއެވެ. ނަމަވެސް، އެ ކަންކަމުގެ ތަފުސީލު ބަންގްލަދޭޝްގެ ކަމާގުޅޭ އިދާ
ރާތަކުން އަދި މިހާތަނަށް ހާމަކޮށްފައެއް ނެތެވެ.
މި ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު ބަންގްލަދޭޝްގެ އަވައްޓެރި އިންޑިޔާގެ އުތުރުގެ ސަރަޙައްދުތަކަށް ވެސް ފޯރިއެވެ. ނަމަވެސް، ބިންހެލުމާ ގުޅިގެން އެ ޤައުމުގެ އެއްވެސް ސަރަޙައްދަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ.
ބަންގްލަދޭޝަކީ ވަރަށް ހަރަކާތްތެރި ތިން ޓެކްޓޯނިކް ޕްލޭޓް (އިންޑިޔާ، ޔޫރޭޝިޔާ، ބަރްމާ) ގުޅޭ ސަރަޙައްދެއްގައި އޮތް ޤައުމެކެވެ. މިއީ ބިންހެލުންތަކުގެ ނުރައްކާ ބޮޑު ސަރަޙައްދެކެވެ. ހުސްވި އޮކްޓޫބަރު މަހު ވެސް ބަންގްލަދޭޝްގެ ސަރަޙައްދުތަކަށް ރިކްޓަރ މިންގަނޑުން 3.4 ގެ ބިންހެލުމެއް އައިސްފައިވެއެވެ.
މިފަދަ ނުރައްކާތެރި ހާދިސާތަކުގެ ބިރު ބޮޑުވެފައިވާއިރު، ކޮންމެ އަކަކިލޯމީޓަރެއްގައި 300,000 އެއްހާ މީހުން ދިރިއުޅޭ ދާކާއަކީ ދުނިޔޭގައި އޮތް އެންމެ ބައިބޯ އެއް ރަށެވެ.




