ހަލާލް ޓޫރިޒަމްގެ މޮޑެލްއަށް ރިސޯޓްތަކެއް ތަރައްގީކޮށް ހިންގުމަށްޓަކައި އިތުރު ފަސް ތަނެއް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިފަހަރު ހަލާލް ޓޫރިޒަމްއަށް ހުޅުވާލި ފަސް ތަނަކީ ހއ. ބިނާފުއްޓާއި، އެ އަތޮޅު ކަނޑާފިނޮޅާއި، ހދ. މަކުނުދޫ ފަރު 1 އާއި، ރ. ފުރިފަރުގެ އިތުރުން ލ. ފޮނަގާދޫ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މި ތަންތަން ހަލާލު ޓޫރިޒަމަށް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 ގެ ނިޔަލަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ބާއްވާ ޕްރީ-ބިޑް މީޓިންތަކެއް އަންނަ މަހުގެ 9 އާއި ޖެނުއަރީ 6 ގައި އޮންލައިންކޮށް ބާއްވަން ހަމަޖެހިފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ބައްދަލުވުންތަކުގައި ބައިވެރިވާން ރަޖިސްޓްރީވާނީ އަންނަ މަހުގެ 8 އާއި ޖެނުއަރީ 6 ގެ ކުރިން ކަމަށެވެ. ރަޖިސްޓްރީ ވާނީ ބައިވެރިވުމަށް އެދޭ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު މި މެއިލް planning@tourism.gov.mv އަށް ފޮނުވައިގެންނެވެ.
މި ސަކާރުން ހަލާލު ޓޫރިޒަމަށް 31 ތަނެއް ހުޅުވައިލަން ނިންމާފައިވެ އެވެ. އޭގެ ތެރެއިން ބައެއް ތަންތަން ކުރިން ވެސް ވަނީ ބީލަމަށް ހުޅުވާލައިފައެވެ.
މިނިސްޓްރީން އިތުރަށް ބުނީ ހަލާލް ޓޫރިޒަމަށް ދޫކުރާ ތަންތަން ތަރައްގީކޮށް ނިންމުމަށް ދެވޭނީ ތިން އަހަރުގެ މުއްދަތެއް ކަމަށެވެ.




