ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ މީހުންވެސް އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިލައްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ، ރޭގައި އެޅުވި ކްރިއޭޓިވް ނެޓްވޯކްގެ ފުރަތަމަ ފިލްމު، ”ލިލީ“ ގެ ޕްރިމިއަރ ނައިޓްގައި ފިރިހެނަކު ލައިގެން ހުރި ހެދުމަށް އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއް ކަމަށާއި، މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމާ ދުރުވާންޖެހޭނެ ކަމަށެވެ.
”ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް.“ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާއެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އެންމެންވެސް ވުމަކީ މިޤައުމަށްޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމަށެވެ.
”ލިލީ“ ގެ ޕްރިމިއަރ ނައިޓްގެ ރެޑްކާޕެޓްގައި އެ ފިރިހެންމީހާ ލައިގެން ހުރި ހެދުމުގެ ބާވަތަކީ ކުރުތާ ޕަޖާމާ ޒާތުގެ އަންހެން ސްޓްއިލަކަށް ދާ ހެދުމެކެވެ.
ބައެއް ޤައުމުތަކުގައި ކުރުތާ ޕަޖާމާގެ މިފަދަ ހެދުންތަކާއެކު ފިރިހެނުން ސާޅި އެޅި ނަމަވެސް ދިވެހި މުޖުތަމަޢަށް މި ހެދުން ނުފެތެނީ ކަމަށް މި ހެދުމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.



