ކްރިއޭޓިވް ނެޓްވޯކްގެ ފުރަތަމަ ފިލްމު ކަމަށްވާ ”ލިލީ”ގެ ޕްރިމިއަރ ނައިޓް ރޭގައި އޮލިމްޕަހުގައި ބާއްވާފައިވާއިރު، މި ހަފްލާގައި ފިރިހެނަކު ލައިގެން ހުރި ހެދުމަކަށް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއްޖެއެވެ.
އާންމުންގެ މެދުގައި މި ހެދުމަށް ފާޑުކިޔުން އަމާޒުވެ، ބަހުސް އުފެދިފައިވާ މައިގަނޑު ސަބަބަކީ އެ ފިރިހެން މީހާ ލައިގެން ހުރީ ކުރުތާ ޕަޖާމާ ޒާތުގެ ހެދުމެއް ނަމަވެސް އަންހެން ހެދުމެއްގެ ސްޓައިލްއަށް މި ހެދުން ހުރުމުގެ ސަބަބުން ކަމަށް ބުނެއެވެ.
މި ހެދުމުގެ ސަބަބުން ދިވެހި މުޖުތަމަޢުގެ އާދަތަކާއި ޚިލާފު ކަމަށް ބުނެ ވަރަށް ގިނަ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަމުންދަނީ ބައެއް ޤައުމުތަކުގައި ފިރިހެނުން މިފަދަ ހެދުންތަކާއެކު ސާޅި އެޅި ނަމަވެސް، ދިވެހި މުޖުތަމަޢަށް މި ހެދުން ނުފެތޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިނަ މޯލްޑިވްސްގެ އެމްޑީ މުހައްމަދު ފިރާގުވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
”މިއީ ހަގީގަތުގައި އަޅުގަނޑުމެންގެ ދަރިންނަށް ދައްކަން ބޭނުންވާ މިސާލު ހެއްޔެވެ؟ ވިސްނުމެއް ނެތި މަގުތައް ބަންދުކޮށްގެން ފެންނަންޖެހެނީ މި މަންޒަރު ހެއްޔެވެ؟“ފިރާގު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފިރާގު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ނިންމުންތަކުގެ މައްޗަށް ކޮންޓްރޯލެއް ނެތް ކަމުގެ އިހުސާސް ކުރެވެއެވެ. އަދި ދުނިޔެ ބަދަލުވަމުންދާއިރު ވެސް، މެނޭޖްކުރެވޭނެ ކަންތައްތައް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ފިރާގު އިތުރަށް ވިދާޅުވީ، ސެންސަރު ކުރަން ޖެހެނީ ހަމައެކަނި އައުރަ އެކަންޏެއް ނޫން ކަމަށާއި، އާންމު ދިރިއުޅުމާ ޚިލާފު ކަންކަން ވެސް ކަމަށެވެ.
ފިރާގު ވިދާޅުވީ، މިފަދަ ކަންކަމަށް އަޅާނުލައިފިނަމަ، މިފަދަ ޝޯތައް އާންމުވެ، މިއީ މިފަދަ ކަންކަން ކުރުމުގެ ފެށުމަކަށް ވެދާނެ ކަމުގެ ބިރު އެބޮތް ކަމަށެވެ.



