އިސްލާމްދީނުގެ ހުދޫދާ ހިލާފަށް ހެދުން އެޅުމަށް ހިތްވަރު ނުދޭކަމަށް ލިލީ ޓީމުން ބުނެފިއެވެ.
ލިލީ ޓީމުން މިހެން ބުނެފައި މި ވަނީ، ”ލިލީ“ ފިލްމްގެ ޕްރިމިއަރ ނައިޓްގެ ރެޑް ކާޕެޓްގައި ފިރިހެނަކު ލައިގެން ހުރި ހެދުމަށް އާންމުންގެ ފާޑުކިޔުން އަމާޒުވުމާއި ގުޅިގެންނެވެ.
ލިލީ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މުޖުތަމަޢުގެ ސަގާފީ އާދަތަކާއި، އިހުސާސްތަކަށް އިސްކަންދީ، އެކަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާ ކަމަށާއި، ސަގާފަތާ ނުގުޅޭ އަދި މުޖުތަމަޢުގެ މިންގަނޑުތަކާ ހިލާފު އެއްވެސް ހެދުމެއް އެޅުމަށް އެއްވެސް ހިތްވަރެއް ނުދޭ ކަމަށެވެ.
ލިލީގެ ޕްރިމިއަރއަށް ރަސްމީކޮށް ކަނޑައަޅާފައިވާ ހެދުމުގެ ކޯޑަކީ ”މޯލްޑިވިއަން ރޯޔަލް ވިތް އަ މޮޑަރން ޓަޗް“ކަމަށް އެ ޓީމުން ބުންޏެވެ. އަދި މި ތީމް ހޮވީ ދިވެހި ސަގާފަތަށް އިޙްތިރާމްކޮށް، އެކަން ފާހަގަކުރުމުގެ މަޤްޞަދުގައި ކަމަށާއި، އެއީ އިޙްތިރާމާއެކު ޒަމާނީ ސްޓައިލެއް ދައްކުވައިދޭނެ ގޮތަކަށް ކަމަށް ވެސް ބުންޏެވެ.
ލިލީ ޓީމުން ބުނީ މި ހެދުމުގެ ކޯޑާ ހިލާފަށް ހެދުން އެޅި ފަރާތްތަލަކީ ލިލީ ޕްރޮޑަކްޝަން ޓީމުން ދަޢުވަތު ދީފައިވާ ފަރާތްތަކެއް ނޫން ކަމަށެވެ. އަދި، އެ ފަރާތްތަކުގެ ހެދުން އެޅުމަކީ ލިލީ ޓީމާ، އެ ޓީމުގެ އިވެންޓްގެ އުޞޫލުތަކާއި ގުޅުމެއް ނެތް ކަމެއް ކަމަށް ވެސް ބުންޏެވެ.
އަދި އެގޮތަށް އެކަން ދިމާވުން މަޢާފަށް އެދޭ ކަމަށްވެސް ލިލީ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އަދި މުސްތަޤްބަލުގައި ބާއްވާ އެއްވެސް އިވެންޓެއްގައި މިފަދަ ކަމެއް ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި އިތުރަށް ހަރުދަނާ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ލިލީ ޓީމުން ޔަގީންކަން ދީފައިވެއެވެ.
ލިލީ ޓީމުން ދެމިތިބޭނީ އެ ޓީމުގެ ހުރިހާ މަސައްކަތްތަކާއި އިވެންޓްތަކުގައި އިޙްތިރާމާއި، ސަގާފީ މިންގަނޑުތަކާއި، އިސްލާމީ ހުދޫދުގެ ތެރޭގައި ކަމަށް ވެސް އެ ޓީމުން ބުނެފައިވެއެވެ.



