އިންޑިއާގެ ޓުޓިކޮރިން އިން މުދާ ހިފައިގެން ދިޔަ ފުރަތަމަ ބޯޓު ކުޅުދުއްފުއްޓަށް މިއަދު ބަނދަރުކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ، އިންޑިއާގެ ޓުޓިކޮރިން އިން ކުޅުދުއްފުށި ސިޓީއަށް ދާއިމީ ގޮތެއްގައި މުދާ ގެނެވޭނެ އިންތިޒާމްތައް ހަަމަޖެއްސުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުޅުދުއްފުއްޓަށް މުދާ ހިފައިގެން ދިޔަ ފުރަތަމަ ބޯޓު މިއަދު އެރަށުގައި ބަނދަރުކޮށްފައިވާ ކަމަށެވެ.
ކުޅުދުއްފުއްޓަށް މުދާ ހިފައިގެން ދިޔަ ބޯޓަކީ، ޓުޓިކޮރިން އިން 127 ޓަނުގެ މުދާ ބަރުކޮށްގެން ދިޔަ ”ވީބީ ޕްރޮގްރެސް“ ބޯޓެވެ.
މި ބޯޓުން ގެނެސްފައިވަނީ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ގެނައި އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނާއި، އަދި އަމިއްލަ ވިޔަފާރިއެއްގެ ކާބޯތަކެތީގެ ބާވަތްތައް ކަމަށް އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްއިން ބުނީ، މިހާރު ޝެޑިއުލްކޮށްފައިވަނީ ޓުޓިކޮރިން އިން ކުޅުދުއްފުއްޓަށް މަހަކު އެއް ދަތުރު ކަމަށެވެ. ނަމަވެސް މުދާ ގެންނަ މިންވަރަށް ބަލާފައި، މި ދަތުރުތައް އިތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
ސަރަހައްދީ ބަނދަރުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ބަނދަރުގެ އޮޕަރޭޝަންސްތައް ހަރުދަނާ ކުރުމަށް އެމްޕީއެލްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މަސައްކަތުގެ ތެރެއިން، ދާއިމީ ދަތުރުތައް ހަމަޖެއްސުމަށް އެމްޕީއެލްއިން ވަނީ ކުޅުދުއްފުށީގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި އުތުރުގެ ރަށްރަށުގައި ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމާއި، މުދާ ގެނައުމަށް ވިޔަފާރިވެރިންނަށް އޮތް އިންތިޒާމްތައް ރަނގަޅު ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
މި އިންތިޒާމްތަކުގެ ސަބަބުން ކުޅުދުއްފުއްޓާއި އުތުރުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަށް އަގު ހެޔޮކޮށް މުދާ ލިބުމަށް މަގު ފަހިވެގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ.
ޓުޓިކޮރިން އިން ސީދާ ރާއްޖޭގެ ސަރަހައްދީ ބަނދަރުތަކަށް މުދާ ގެނައުމުގެ އިންތިޒާމް އެމްޕީއެލްއިން ވަނީ މީގެ ކުރިންވެސް ހަމަޖައްސާފައެވެ. އެގޮތުން މިދިޔަ އަހަރު ވަނީ ޓުޓިކޮރިން އިން ހިތަދޫ ބަނދަރަށް ދާއިމީކޮށް މުދާ ގެނެވޭނެ އިންތިޒާމްތައް ހަމަޖައްސާފައެވެ.
ހިތަދޫއަށް ފުރަތަމަ މަހަކު އެއް ދަތުރު ޝެޑިއުލް ކުރި ނަމަވެސް، މިހާރު އެ ދަތުރުތަކުގެ އަދަދު ވަނީ އިތުރުކޮށްފައެވެ.



