ދުބާއީގައި މިހާރު ކުރިއަށްދާ އެއާޝޯގައި އިންޑިއާގެ ފައިޓަރ ޖެޓެއް ވެއްޓި، އެ ޖެޓުގެ ޕައިލެޓް މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މެދުއިރުމަތީގެ އެންމެ ބޮޑު އެއާޝޯ ކަމަށްވާ ދުބާއީ އެއާޝޯގެ ފަހު ދުވަހު، ޖެޓުގެ ގާބިލްކަން ދައްކާލުމުގެ ތެރޭގައެވެ.
ވެއްޓުނު ޖެޓަކީ ހިންދުސްތާން އެއަރޮނޯޓިކްސް ލިމިޓެޑް (އެޗްއޭއެލް) އިން އުފައްދާފައިވާ ތޭޖާސް ފައިޓާ އެއާކްރާފްޓެކެވެ.
ދުބާއީ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ އެކްސް މެދުވެރިކޮށް، މި ހާދިސާގައި ޕައިލެޓް މަރުވިކަން ކަށަވަރުކޮށްދީފައެވެ.
މަންޒަރު ދުށް މީހަކު އޭއެފްޕީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ޖެޓް ވެއްޓުނީ ވަރަށް ތިރިން ދުއްވަމުން ގޮސް ރޯލްކޮށްލުމުގެ ތެރޭގައެވެ. ޖެޓް ވެއްޓުނީ ޝޯ ކުރިއަށްދިޔަ ހިސާބާ 1.6 ކިލޯމީޓަރު (މޭލެއް) ގެ ދުރުމިނަށް ކަމަށާއި، ބިމުގައި ޖެހުމާ އެކު ޖެޓްގެ ހުޅުގަނޑު ފަޅައިގެން ގޮސް އަލިފާންގެނޑެއް އުފެދުނެވެ.
ދައުރުވަމުންދާ މި ހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޖެޓް ވަރަށް ބާރަށް ތިރިއަށް ގޮސް ބިމުގައި ޖެހި ވަގުތުން ބޮޑު އަލިފާންގަނޑެއް އުފެދިފައިވެއެވެ.
ހާދިސާ ހިނގި އިރު، ޝޯ ބަލަން އެތައް ސަތޭކަ ބަޔަކު ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. އަދި ދައްކާލުމަށް ގިނަ އަދަދެއްގެ އެއާކްރާފްޓުތައް ވެސް ބަހައްޓާފައި ހުއްޓެވެ. އިންޑިއަން އެއާފޯސް އިން ވަނީ މި ހާދިސާ ހިނގަން ދިމާވި ސަބަބުތައް ދެނެގަތުމަށްޓަކައި ތަހުގީގެއް ފަށާނެ ކަމަށް ބުނެފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި، 1986 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދުބާއީ އެއާޝޯގައި މިފަދަ ހާދިސާއެއް ހިނގި މިއީ ފުރަތަމަ ފަހަރެވެ.



