މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑަށް ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާން މިއަދު އައްޔަންކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ އެމްއޭސީއެލްގެ ބޯޑަށް މި ފަހުން އިތުރުކުރި ޖާގަ އަށް، ހުޅުމާލެ ގޯތި ނަންބަރު 10718 އޯކިޑްހިޔާ، ޖަމީލް އުސްމާން އައްޔަން ކޮށްފައިވާ ކަމަށެވެ.
ހިންގުން ހަރުދަނާ ކުރުމާއި އޮޑިޓް އަދި ރިސްކު ފަދަ ކޮމިޓީތައް ރަނގަޅަށް ހިނގާ ގޮތް ހެދުމަށް، އެމްއޭސީއެލްގެ ބޯޑުގެ މެމްބަރުންގެ އަދަދު 7 އިން 9 އަށް ވަނީ ދާދި ފަހުން އިތުރުކޮށްފައެވެ.
އެމްއޭސީއެލްގެ ބޯޑުގައި ކުރިން ހުންނެވި މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކިކުރެއްވުމާ ގުޅިގެން ހުސްވި ޖާގަ އަށް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުޖުތަބާ ލަތީފު ވެސް ވަނީ މިދިޔަ މަހު އައްޔަންކޮށްފައެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހެޑް އޮފް ސްޕެޝަލް ޕްރޮޖެކްޓްސް އޮޕަރޭޝަންގެ މަގާމުގައި ހުންނެވި ޖަމީލް އުސްމާނާ އެކު، އެމްއޭސީއެލްގެ ބޯޑުގައި މި ވަގުތު ތިއްބެވީ 8 މެމްބަރުންނެވެ. އެއީ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހް އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ސަހާ ވަހީދާއި އިބްރާހިމް ސިޔާދު ގާސިމާއި މުހައްމަދު މިހާދާއި އިބްރާހިމް މަހުދީ އަދި މުޖުތަބާ ލަތީފެވެ.
ބޯޑުގެ އަދަދު 9 އަށް އިތުރުކުރެވިފައިވާތީ، އަލަށް އިތުރުކުރި ޖާގަ އަށް އިތުރު އެއް މެމްބަރަކު އައްޔަންކުރަން ޖެހެއެވެ.




