ރާއްޖޭގެ ޖުޑިޝަރީ ނިޒާމު ހަރުދަނާކޮށް، ކުރިއެރުވުމުގެ މަގު ފަހިކުރުމަށް ސައުދީ އަރަބިއްޔާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އަދި ސައުދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޖަސްޓިސް މިނިސްޓަރު ޑރ. ވާލިދް އަލް ސަމާނީ އެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދެ ގައުމުގެ ޝަރުޢީ ދާއިރާގެ ގުޅުން ބަދަހިކޮށް، ތަޖުރިބާ ހިއްސާކުރުމުގެ ތެރެއިން ޖުޑިޝަރީގެ ގާބިލުކަން އިތުރުކުރުމެވެ.
މި އެއްބަސްވުމުގެ ދަށުން އެއްބާރުލުން ދީގެން ކުރިއެރުވުމަށް މަސައްކަތް ކުރާ ދާއިރާތަކަކީ:
– ޝަރުޢީ ނިޒާމުތަކާއި ގުޅުންހުރި ގާނޫނީ އަދި އިދާރީ އުސޫލުތައް ހަރުދަނާކުރުން
– ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޕްރޮފެޝަނަލް ގާބިލުކަމާއި ހުނަރުތައް ތަރައްގީކޮށް ކުރިއެރުވުން
– ޝަރުއީ މަސައްކަތްތައް ކުރުމުގެ އުސޫލުތަކާއި ނިޒާމުތައް ހަރުދަނާކުރުން
– ދާއިރާއާގުޅޭ މައުލޫމާތާއި، ތަޖުރިބާ އަދި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާގުޅޭ މައުލޫމާތު ބަދަލުކުރުން
– ތަޖުރިބާކާރުންނާއި ފަންނީ މާހިރުންގެ ދެމެދުގައި ޒިޔާރަތްތައް ބަދަލުކުރުމާއި އެ ފަރާތްތަކުގެ ހުނަރާއި ތަޖުރިބާ ހިއްސާކުރުން
– އިލްމީ އަދި ފަންނީ ކޮންފަރެންސްތަކާއި، ސެމިނަރތަކާއި މަޝްވަރާ ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމްތައް އަދި މަސައްކަތު ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުން
މި އެއްބަސްވުމަކީ ރާއްޖޭގެ ޖުޑިޝަރީން އަރަބި އިސްލާމީ ގައުމެއްގެ ޖުޑިޝަރީއާ ދެމެދު ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުން ކަމަށް ސުޕްރީމް ކޯޓުން ވަނީ މައުލޫމާތު ދެއްވާފައެވެ.
މި އެއްބަސްވުމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.




