ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރާ ފަރާތްތައް ދެނެގަތުމަށް ސެކިއުރިޓީ ވަރުގަދަ ކުރަން ބޭނުންވާ އާލާތްތައް ހޯދުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ 64 ބިލިއަން ރުފިޔާގެ ބަޖެޓްގައި މަސްވެރިކަމުގެ ދާއިރާއަށް 556 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، މި ބަޖެޓްގެ ބޮޑުބައެއް ހާއްސަކޮށްފައިވަނީ ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް ދެނެގަތުމަށް ސެކިއުރިޓީ ވަރުގަދަ ކުރުމަށެވެ.
ގަވާއިދާ ހިލާފު މަސްވެރިކަން ކުރާ އުޅަނދުތައް ދެނެގަތުމަށްޓަކައި ފިޝަރީސް މޮނިޓަރިން ސެންޓަރު ހަރުދަނާކުރަން ވަނީ ނިންމާފައެވެ. އަދި މަސްވެރިކަން މޮނިޓާ ކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ވެސަލް މޮނިޓަރިން ސިސްޓަމް (ވީއެމްއެސް) އާއި އިލެކްޓްރޯނިކް އޮބްޒާވާ ސިސްޓަމް (އީއޯއެސް) ބަހައްޓަން ވެސް ބަޖެޓްގައި ހިމަނާފައިވެއެވެ.
މަސްވެރިކަމަށް ކަނޑައަޅާފައިވާ 556 މިލިއަން ރުފިޔާގެ ތެރެއިން ބޮޑު ބައެއް މަސްވެރިންނަށް ދެނީ މިފްކޯ މެދުވެރިކޮށެވެ. އެގޮތުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް މިފްކޯއަށް 280 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.
ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށްޓަކައި ހާއްސަ މަޝްރޫއުއެއްގެ ދަށުން އަންނަ އަހަރު 200 ދޯންޏަށް އެހީވުމަށް ވެސް ބަޖެޓްގައި ހިމަނާފައިވެއެވެ. މިގޮތުން އާރްއެސްޑަބްލިއު (ރޯ ސީ ވޯޓަރ) އަދި ސޯލާ ފޮޓޯވޯލްޓެއިކް ނިޒާމު ހަރުކޮށް، ތެލުގެ ހަރަދު ކުޑަކުރާނެ ވަސީލަތް ހޯދުމަށް އެހީތެރިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި އެންމެ ޒަމާނީ ޓެކްނޮލޮޖީތައް އެ ދާއިރާއަށް ތައާރަފްކުރަން ޖެހެއެވެ.
އެހެންކަމުން، އަންނަ އަހަރުގެ ބަޖެޓުގައި މިފަދަ ކަންކަން ކުރުމަށް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށާއި، މި ބަޖެޓަކީ މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށްޓަކައި ބޭނުންވާ މުހިންމު ބަދަލުތަކެއް ގެނެސްދޭނެ ބަޖެޓެއް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.



