މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް އިސްމާއީލް މިރޭ އިސްތިއުފާ ދެއްވައިފިއެވެ.
ފައްޔާޒް ވަނީ މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި މިކަން އިއުލާން ކުރައްވައި އިސްތިއުފާގެ ސިޓީ ހުށައަޅުއްވާފައެވެ.
އެ ސިޓީގައި ވަނީ ޕާޓީގެ ލީޑަރުންނާމެދު ބަސްބުނުމުގެ ފުރުސަތު ހުޅުވާލާނޭ ކަމުގެ ވައުދުވެވަޑައިގެންފައިވާކަން ފާހަގަ ކުރައްވާ އެކަމަށް ފުރުސަތު ދެއްވުމުގެ ގޮތުން އިސްތިއުފާ ދެއްވާ ކަމަށެވެ.
ޕާޓީގައި މިހާރު ވެސް އިސްކޮށް ހަރަކާތްތެރިވާ އެޑްވައިޒަރާއި، ޕާޓީގެ ރައީސްއަށް ފުރިހަމަ އިހުތިޔާރާއި ބާރާއެކު ޕާޓީގެ ކަންކަން ނިންމައި، ކަންކަން ކުރިއަށް ގެންދިއުމަށް އޭނާއަކީ ހުރަހެއް ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެންނެވުމަށްޓަކައި މި ނިންމުން ނިންމެވި ކަމަށް އެ ސިޓީގައި ފައްޔާޒު ވިދާޅުވިއެވެ.
އިސްތިއުފާ ދެއްވުމުގެ ކުރިން ފައްޔާޒް ވިދާޅުވީ، ޗެއާޕާސަންގެ މަގާމުގައި ހުންނެވި މުއްދަތުގައި ޕާޓީގެ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހިތްވަރުގަދަ އާންމު މެންބަރުންނާއި ޕާޓީގެ ކަންކަމުގައި ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ގައުމީ މަޖިލީހާއި ސެކްރެޓޭރިއޭޓުގެ މެންބަރުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.
ފައްޔާޒު ފާހަގަ ކުރެއްވި ގޮތުގައި އަސާސީ ހައްގުތަކާއި ރައްޔިތުންގެ ބާރުވެރިކަން ހޯދައިދިން ޕާޓީގެ މެންބަރުންނާއެކު ގާތުން މަސައްކަތް ކުރެވުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފު ކަމަށެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެމްޑީޕީގެ ގައުމީ މަޖިލީހާއި އާންމު މެންބަރެއްގެ ގޮތުގައި އިސްލާހީ މަސައްކަތުގައި ދެމިހުންނާނެ ކަމުގެ ޔަގީންގަން ފައްޔާޒު ދެއްވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 27،841 ވޯޓް ހޯއްދަވައިގެން އެ ޕާޓީފެ ޗެއާޕާސަންގެ މަގާމަށް ފައްޔާޒް އިންތިހާބު ކުރެއްވީ މީގެ ތިން އަހަރު ކުރިން، 2022 މެއި 23 ގައި ބޭއްވި އިންތިހާބުގައެވެ.



