މިދިޔަ ސަރުކާރުތަކުން ވިލިމާލޭއަށް އިހުމާލުވެ، ނުކޮށްދެވުނު ކަންތައްތައް ކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިރޭ ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ވިލިމާލެއަށް އިހުމާލު ކޮށްލެވިފައި އޮންނަން ޖެހޭނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި، މާލޭ ސިޓީގެ އެއްބައިގެ ގޮތުގައި އޮންނަ ވިލިމާލެއަށް ތަރައްޤީ އަންނަން ޖެހޭނީ މާލޭގެ އެހެން އަވަށްތަކާ އެއްވަރަކަށް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، މޭޔަރުކަމުގައި ހުންނެވި އިރު ކުރެވުނު ވަރަކަށް މަސައްކަތް ކުރެއްވި ނަމަވެސް، މިހާރު ސަރުކާރު ތެރެއިން ހަމަ ޔަގީނުންވެސް މާ ފުރިހަމައަށް ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ވިލިމާލެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުރިހަމައަށް ހަނދާން އެބަހުރި ކަމަށާއި، އެ ވައުދުތަކުގެ އިތުރަށްވެސް ގިނަ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށާއި، މިހާރުވެސް ބައެއް ވައުދުތައް ފުރިހަމަވެ، އަނެއް ބައި މަސައްކަތްތައް ހިނގަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
”އަޅުގަނޑު ބޭނުންވަނީ ވިލިމާލެ ރައްޔިތުންނަށް މި ހުރިހާ ދުވަހު ނުކުރެވި، އަދި ހާސިލްކޮށް ނުދެވި ސަރުކާރުތަކުން އޮތް ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭން، އަދި އިތުރަށްވެސް ކުރަން.“ ރައީސް ވިދާޅުވިއެވެ.
ވިލިމާލެއަށް އެންމެ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތާއި މަގުހެދުމުގެ މަޝްރޫޢު މިހާރު ކުރިއަށްދާއިރު، މި ދެ މަޝްރޫއުވެސް ހަވާލުކޮށްފައި ވަނީ ޗައިނާ ކުންފުންޏަކާއެވެ. ރައީސް ވިދާޅުވީ ހޮސްޕިޓަލްގެ ފަންޑިންގެ ހުރިހާ ކަމެއް ހަމަޖެހި، މަސައްކަތުގެ ހުރިހާ މަރުހަލާތަކެއް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން މުޅި މާލެ ސިޓީގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢުގެ ދަށުން ވިލިމާލޭގެ މަގުތައް ހެދުމަށް ޗައިނާ ސަރުކާރުން ފަންޑު ހަމަޖެހިފައިވާ ކަމަށާއި، އެކަންވެސް އެ އޮންނަ މަރުހަލާގެ ތެރެއިން ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.




