މިދިޔަ ހަފްތާގައި މާލޭގެ އެތެރޭގެއާއި ސިނަމާލޭ ބްރިޖާއި ހައިވޭގައި 45 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ނޮވެމްބަރު 16 އިން 22 ނޮވެމްބަރަށް ޖުމްލަ 45 އެކްސިޑެންޓް ހިނގާފައިވާއިރު، އޭގެ ތެރެއިން އެއް ދުވަސް މަތިން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހެވެ.
އެންމެ ގިނަ އެކްސިޑެންޓް ހިނގި 20 ވަނަ ދުވަހު 10 އެކްސިޑެންޓް ހިނގާފައިވެއެވެ. 16 ވަނަ ދުވަހު ހަ އެކްސިޑެންޓް، 17 ވަނަ ދުވަހު ފަސް އެކްސިޑެންޓް، 18 ވަނަ ދުވަހު ހަ އެކްސިޑެންޓް، 19 ވަނަ ދުވަހު ހަތަރު އެކްސިޑެންޓް، 21 ވަނަ ދުވަހު ހަ އެކްސިޑެންޓް އަދި 22 ވަނަ ދުވަހު އަށް އެކްސިޑެންޓް ހިނގާފައިވެއެވެ.
ހިނގާފައިވާ އެކްސިޑެންޓްތަކުގެ ބާވަތްތަކަށް ބަލާއިރު، އެންމެ ގިނައީ ސައިކަލާއި ކާރާއި ޖެހިގެން ހިނގާފައިވާ އެކްސިޑެންޓްތަކެވެ. މިފަދަ 11 އެކްސިޑެންޓް ހިނގާފައިވާއިރު، ސައިކަލާއި ސައިކަލާއި ޖެހިގެން ނުވަ އެކްސިޑެންޓް ވަނީ ހިނގައިފައެވެ.
މި މުއްދަތުގައި ހިނގި އެކްސިޑެންޓްތަކުގެ ތެރެއިން ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލު ގަޑީގައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުވާލު 33 އެކްސިޑެންޓް ހިނގާފައިވާއިރު، ރޭގަނޑު ހިނގާފައިވަނީ 12 އެކްސިޑެންޓެވެ.
މި އެކްސިޑެންޓްތަކުގެ ސަބަބުން ދެ މީހަކަށް ސީރިއަސް އަނިޔާ ލިބިފައިވާއިރު، 43 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަދި މި ހަފްތާގައި ހިނގި އެކްސިޑެންޓްތަކުގެ ސަބަބުން ޖުމްލަ 37 އުޅަނދަކަށް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ.




