ރާއްޖެއަށް މުދަލެއް އެތެރެކުރުމަށްފަހު، އެ މުދާ ކްލިއަރކޮށް ދޫކުރުމާ ހަމައަށް ހޭދަވާ ވަގުތު ދެނެގަތުމަށްޓަކައި، ދިރާސާއެއް ފަށައިފިއެވެ.
”ޓައިމް-ރިލީސް ސްޓަޑީ“ ގެ ނަމުގައި ކުރިއަށްގެންދާ މި ދިރާސާއަކީ، ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާ (ޑަބްލިއުސީއޯ) ގެ މިންގަނޑުތަކަށް ފެތޭގޮތަށް، އެ ޖަމްއިއްޔާގެ މާހިރުންނާ ގުޅިގެން ހިންގާ ދިރާސާއެކެވެ.
މި ދިރާސާއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އިއްޔެއިން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި މަސައްކަތުގައި ކަސްޓަމްސްގެ އިތުރުން ބަނދަރުތައް ހިންގާ ފަރާތްތަކާއި، އިމްޕޯޓް އެކްސްޕޯޓާގުޅޭ ދައުލަތުގެ މުއައްސަސާތަކާއި، ކަސްޓަމްސް ބްރޯކަރުން ހިމެނެއެވެ.
ކަސްޓަމްސްއިން ބުނިގޮތުގައި، މި ދިރާސާއިން އެއްކުރެވޭ މައުލޫމާތުގެ ތެރޭގައި، މުދާ ރާއްޖެއަށް އައިސް ބަނދަރަށް ބޭލުމަށް ހޭދަވާ ވަގުތާއި، މުދަލުގެ ލިޔެކިއުން ހުށަހެޅުމާއި ނިންމުމަށް ހޭދަވާ ވަގުތުތައް ހިމެނެއެވެ. އަދި މީގެ އިތުރުން، މުދަލާބެހޭގޮތުން ދައުލަތުގެ އިދާރާތަކުން ނިންމަންޖެހޭ ކަންކަން ނިންމުމަށް ހޭދަވާ ވަގުތާއި، ކަސްޓަމްސްއިން ބަލައިފާސްކުރުމަށް ހޭދަވާ ވަގުތާއި، ބަނދަރުން މުދާ ދޫކުރުމަށް (ގޭޓް އެގްޒިޓް) އަށް ހޭދަވާ ވަގުތުތައްވެސް ވަކިވަކިން މިންކުރެވޭނެއެވެ.
ކަސްޓަމްސްއިން އިތުރަށް ބުނިގޮތުގައި، މިފަދަ ދިރާސާއެއްގެ އެންމެ ބޮޑު ބޭނުމަކީ، މުދާ ކްލިއަރކުރުމަށް ހޭދަވާނެ ވަގުތުތައް ދުރާލާ ވިޔަފާރިތަކަށް އެނގިގެންދިއުމެވެ. އަދި ކަސްޓަމްސް އާއި ބަނދަރުތައް އަދި އިމްޕޯޓް އެކްސްޕޯޓް މުދަލާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި އިތުރަށް ހަރުދަނާކުރުމަށް ހުރި ކަންކަން ދެނެގަނެ، އެކަންކަމަށް މަސައްކަތްކުރުމަށް ފުރުސަތު ލިބިގެންދިއުމެވެ.
މިއީ، ކަސްޓަމްސްއިން ކުރިއަށް ގެންދާ މިފަދަ ދެވަނަ ސާވޭއެވެ. އެންމެ ފުރަތަމަ ޓައިމް ރިލީޒް ސްޓަޑީއެއް ހެދީ 2021 ވަނަ އަހަރު ކަމަށްވާއިރު، މި ދިރާސާއިން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މުދާ ކްލިއާ ކުރުމަށް ހޭދަވާ ވަގުތު ކުޑަކުރެވިފައިވާ މިންވަރާއި، ގެނެވިފައިވާ ކުރިއެރުންތައް ފެނިގެންދާނެއެވެ.
މި ދިރާސާއަށް އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި، ހޯދޭ ހޯދުންތަކުގެ ރިޕޯރޓް ޝާއިޢުކުރުމަށް ރޭވިފައިވަނީ 2026 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
ކަސްޓަމްސްއިން ބުނީ، މި ދިރާސާގެ ސަބަބުން ސިޔާސަތުތައް ކަނޑައެޅުމަށާއި، އިދާރާތަކުގެ މެދުގައި ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުމަށާއި، ކަސްޓަމްސްގެ އިޖުރާއަތުތައް ޒަމާނީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އެހީތެރިވެދޭނެ މުހިއްމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށެވެ.



