މާލޭގައި އިންފުލުއެންޒާ އިތުރުވަމުންދާތީ، ވެކްސިން ޖެހުމަށް ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑރ. އަހުމަދު ފައިސަލް އިލްތިމާސްކުރައްވައިފިއެވެ.
އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ޑރ.ފައިސަލް ވިދާޅުވީ އިންފުލުއެންޒާ ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށާއި، ބައެއްކުދިންގެ ގައިގައި ރިއްސާ، ނުހިނގޭ ވަރުވެސްވާ ކަމަށެވެ.
”މާލޭގައި އިންފުލުއެންޒާ ވަރަށް ގަދައަށް އެބައުޅޭ.
ބައެއްކުދިންގެ ގައިގައި ރިއްސާ، ނުހިނގޭވަރުވެސްވޭ.
ވެކްސިން ޖަހާލާ.“ ޑރ.ފައިސަލް ވިދާޅުވިއެވެ.
ޑރ.ފައިސަލް އިތުރަށް ވިދާޅުވީ، ކާފުއަތޮޅުގައި ޑެންގޫވެސް ވަރަށްގިނަ ކަމަށާއި ޚާއްޞަކޮށް ހިންމަފުށްޓާއި މާފުށީގައި ޑެންގޫ ވަރަށް ބޮޑަށް އިތުރުވެއްޖެ ކަމަށެވެ. އަދި މަދިރިން ސަލާމަތްވުމަށް ޑރ. އިލްތިމާސްކުރައްވާފައިވެއެވެ.
އިންފުލުއެންޒާ އަދި ޑެންގޫ ފަދަ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި:
– އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ކެއްސައި ކިނބިހި އަޅާއިރު އަނގަ މައްޗާއި ނޭފަތް ނިވާކުރުން
– ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން
– ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން. އަދި ހާއްސަކޮށް އެ ފަދަ ތަންތަނަށް އުމުރުން ދުވަސްވީ މީހުންނާއި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ އިތުރުން، ކުޑަކުދިން ނުގެންދިއުން
– ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން އުރައި ނުހަދައި، އެ ކުދިންނާ ކައިރިނުވުން
– ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރި ކުރުމަށް ގޭ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން
– ބަލި ޖެހުމުން، ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިން ޖެހުން
– އެ ފަދަ ފަރާތަކަށް ރޯގާޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން



