ޕާކިސްތާންގެ ޕެޝާވަރް ސަހަރުގައި ހުންނަ މަދަނީ ސިފައިންގެ މައި މަރުކަޒު ކައިރީގައި ދިން ބޮމުގެ ޙަމަލާތަކެއްގައި މިހާތަނަށް ތިން މީހުން މަރުވެފައިވާކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ.
މި ޙަމަލާގައި އިތުރު ފަސް މީހުން ޒަޚަމްވެ، އެ މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
ޕާކިސްތާންގެ ފުލުހުން ބުނި ގޮތުގައި، ހަމަލާދޭން އައި ބަޔަކު ވަނީ ބަޑިން ޙަމަލާދިނުމަށްފަހު ގަދަކަމުން އެ މަރުކަޒުގެ ތެރެއަށް ވަދެފައެވެ. އަދި މަރުކަޒުގެ ތެރެއަށް ވަނުމާއެކު، ހަމަލާދިން މީހުންގެ ތެރެއިން ތިން މީހުން ވަނީ އަމިއްލައަށް ބޮން ގޮއްވާލާފައެވެ.
އެ ފައުޖުގެ ކޮމާންޑަރުގެ ނައިބު ޖާވިދު އިޤްބާލް ވިދާޅުވީ، މި ޙަމަލާގައި މަރުވީ، މަދަނީ ސިފައިންގެ ތިން މީހުން ކަމަށެވެ. މަރުކަޒުގެ ތެރޭގައި ޙަމަލާދިން މީހުންގެ ބަޔަކު އަދިވެސް ހަރަކާތްތެރިވަމުންދާކަމަށް ބެލެވޭތީ، މަރުކަޒު ވަށައިގެން ފުލުހުންނާއި ސިފައިން ގުޅިގެން ބަންދުކޮށް، ސަލާމަތީ ކަންކަން ވަރަށް ހަރުކަށިކޮށް ބަލަހައްޓަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޙަމަލާގެ ޒިންމާ އެއްވެސް ނިރުބަވެރި ޖަމާޢަތަކުން އަދި ނަގާފައެއް ނުވެއެވެ. ނަމަވެސް، އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ސަރަޙައްދީ ރޮނގު ކައިރީގައި ހަމަލާތައް ބަދަލުކޮށް، ދެ ޤައުމުގެ މެދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި، ނިރުބަވެރި ޖަމާޢަތްތަކުން ދެމުންދާ ޙަމަލާތައް ވަނީ ފާއިތުވި ދުވަސްތަކުގައި އިތުރުވެފައެވެ.
ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި، އަފްޣާނިސްތާންގައި ވެރިކަން ކުރާ ޠާލިބާން ސަރުކާރުން ދަނީ ނިރުބަވެރި ޖަމާޢަތްތަކަށް ވާގިވެރިވެ، ޕާކިސްތާނަށް ޙަމަލާދިނުމަށް ހިތްވަރުދެމުންނެވެ.
ނަމަވެސް، ޠާލިބާނުން ވަނީ މި ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ.




