މަސްތުވާތަކެތި އުފައްދައި އެކި ޤައުމުތައް ހުރަސްކޮށް އެތަކެތީގެ ވިޔަފާރި ކުރުން ފަދަ ޓްރާންސް ނޭޝަނަލް ކުށްތަކާއި ދެކޮޅަށް ޤައުމުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މެމްބަރު ގައުމުތަކުގެ މެދުގައި ވަގުތުން މައުލޫމާތުތައް ޙިއްސާ ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ގޮވާލައްވައިފިއެވެ.
ސީޕީ ނަވީން މިކަމަށް ގޮވާލެއްވީ، މޮރޮކޯގައި މި މަހުގެ 24 އިން 27 އަށް ކުރިއަށްދާ އިންޓަޕޯލްގެ 93 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވި ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ މުވައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކުގައެވެ.
މި ބައްދަލުކުރެއްވުންތަކުގައި، ކޮމިޝަނަރ ވަނީ މަސްތުވާތަކެތި އުފައްދައި އެކި ޤައުމުތައް ހުރަސްކޮށް އެތަކެތީގެ ވިޔަފާރި ކުރުމާއި، ގާނޫނާ ޚިލާފަށް ކުރާ ދުންފަތުގެ ވިޔަފާރިއަކީ ރާއްޖެއަށާއި ސަރަހައްދީ ޤައުމުތަކަށާއި އަދި އެހެން ޤައުމުތަކަށްވެސް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވާފައެވެ.
އެހެންކަމުން މިފަދަ ކުށްތަކާއި ދެކޮޅަށް ޤައުމުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މެމްބަރު ޤައުމުތަކުގެ މެދުގައި ވަގުތުން މައުލޫމާތުތައް ޙިއްސާ ކުރުމާއި ގުޅުން ބަދަހިކުރެއްވުމަށް ސީޕީ ނަވީން ވަނީ އެދިވަޑައިގެންފައެވެ.
ސީޕީ ނަވީން ވަނީ، ރާއްޖޭގައި ހިންގާ ކުށުގެ އަމަލުތަކަށް ފައިސާ ފޯރުކޮށްދީ، އެކަންކަން ރާވާ ހިންގާ ބޭރުގެ ޤައުމުތަކުގައި ހަރަކާތްތެރިވާ ކުށުގެ ޖަރީމާތައް ހިންގާ ނެޓްވޯކްތައް ދެނެގަނެ، އެނެޓްވޯކްތަކުގެ ހަރަކާތްތައް ހުއްޓުވުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.
ޚާއްސަކޮށް ޓްރާންސް ނޭޝަނަލް ކުށްތަކާއި، ރޭވިގެން ހިންގާ ކުށްތަކާއި، ބޭރުގައި ހަރަކާތްތެރިވާ ފަރާތްތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކާއި، އިންޓެލިޖެންސް މައުލޫމާތުތައް ވަގުތުން ހިއްސާ ކުރުމާއި، މިފަދަ ކުށްތަކާއި ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ސީޕީ ވަނީ ބައްދަލުވުންތަކުގައި ބަޔާންކުރައްވާފައެވެ.
ސީޕީ ވިދާޅުވީ، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގައި ޤާނޫނު ތަންފީޒުކުރުމުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކާއި އޮންނަ ގުޅުންތައް ބަދަހިކޮށް ގުޅިގެން މަސައްކަތް ކުރުމުގައި ދިވެހި ފުލުހުންގެ މުވައްސަސާ ދެމިއޮންނާނެ ކަމަށެވެ.
އިންޓަޕޯލްގެ 93 ވަނަ އާންމު މަޖިލީހުގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒުކުރާ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.




