މިއަންނަ މަހު އޮންނަ ”އުރީދޫ ފަން ރަން 2025“ އަށް ރަޖިސްޓްރީވުމުގެ ފަހު ފުރުސަތަށް މާދަމާ މެންދުރު ހުޅުވާލަން އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ.
މިއީ މި ދުވުމުގައި ބައިވެރިވުމަށް ލިބޭ އެންމެ ފަހު ފުރުސަތު ކަމަށް އުރީދޫން ވަނީ ހާމަކޮށްފައެވެ. އޮންލައިންކޮށް ހުޅުވާލާ މި ފުރުސަތު އޮންނާނީ ފަން ރަންގެ ކިޓް ސްޓޮކް ހުސްވަންދެނެވެ.
އުރީދޫން ބުނީ، ސްޓޮކް މަދުވުމުގެ ސަބަބުން މި ފްލޭޝް ސޭލް ހުޅުވާފައި ހުންނާނީ ލިބެންހުރި ހުރިހާ ކިޓެއް ވިކި ހުސްވަންދެން ކަމަށެވެ. އެހެންކަމުން، ކިޓްތައް ހުސްވުމުގެ ކުރިން މި ފުރުސަތުގެ ބޭނުން ހިފުމަށް ކަސްޓަމަރުންނަށް އިލްތިމާސްކުރާ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނިގޮތުގައި ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އުފާވެރި ދުވުމުގައި ދެ ކިޓް އޮޕްޝަނެއް އިހްތިޔާރު ކުރެވޭނެއެވެ.
ބައިވެރިވުމަށް ލިބޭ ކިޓް އޮޕްޝަންތައް
- ސްޓޭންޑާޑް ކިޓްސް – 110 ރުފިޔާ: ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑެއް ހިމެނޭ.
- ފަން ކިޓްސް – 210 ރުފިޔާ: ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑާއި އައިގްލާސް އަދި މަލްޓިޕާޕަސް ބަނޑާނާ ހިމެނޭ.
އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 6،500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވެއެވެ. ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް މަޖާވާނެ ދުވުމެކެވެ.
އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. މި ދުވުމުގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.
މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ބައިވެރިންނަށް ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމުމުގެ ފުރުސަތު ލިބިގެންވެއެވެ.



