ކ. ގުރައިދޫގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގާއިމުކޮށްފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހޮލިސްޓިކް މެންޓަލް ހެލްތް ފެސިލިޓީއަކަށް ބަދަލު ކުރަން ނިންމައިފިއެވެ.
މުޅި މަރުކަޒު ރީބްރޭންޑް ކުރުމަށްޓަކައި އެޗްޑީސީން މިއަދު ވަނީ ހެލްތް މިނިސްޓްރީއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިޔާޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ. އަދި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިސްމާއިލް އަބްދުﷲއެވެ.
އެޗްޑީސީއިން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން އެ ތަނުގެ ޑިޒައިންތައް އެކުލަވާލުމާއި، އެކަމަށް ބޭނުންވާ ހުރިހާ މަސައްކަތެއް ހިންގާ ބަލަހައްޓާނީ އެޗްޑީސީންނެވެ. އެއްބަސްވުމުގައި ސޮއިކުރެވޭ ދުވަހުން ފެށިގެން، 6 މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
މީގެ އިތުރުން މި މަސައްކަތުގައި ގުރައިދޫގައި މިހާރު ހިންގަމުންދާ ހާއްސައެހީއަށް ބޭނުންވާ މަރުކަޒު މުޅިން ބަދަލުކޮށް، ޒަމާނީ ފެންވަރުގެ ހޮލިސްޓިކް މެންޓަލް ހެލްތްފެސިލިޓީއަކަށް ހެދުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން އިތުރަށް ބުނިގޮތުގައި، މި ބަދަލުގެ ސަބަބުން، ހަމައެކަނި ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ބަދަލުގައި، ފަރުވާ ހޯދާ ފަރާތްތަކަށް ދިރިއުޅުމުގެ ހުރިހާ ގޮތަކުން ދުޅަހެޔޮކަން ހޯދައިދިނުމަށް މަގުފަހިވެގެންދާނެއެވެ. މީގެ އިތުރުން ރީބްރޭންޑިންގ މަޝްރޫޢުގެ ސަބަބުން، މިހާރުވެސް ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތަކަށް ލިބޭ ފަރުވާގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅު ވެގެންދާނެއެވެ.
އެޗްޑީސީއިން ބުނީ، މިފަދަ ގައުމީ މުހިންމު މަޝްރޫޢުތަކުގައި ބައިވެރިވެ، ރާއްޖޭގެ ތަރައްގީއަށް އެހީތެރިވުމަކީ އެޗްޑީސީގެ އަބަދުގެ ވެސް އަމާޒެއް ކަމަށާއި، އެގޮތުން، މިފަދަ ސިއްހީ އަދި އިޖުތިމާއީ މަޝްރޫއުތަކަށް އެޗްޑީސީގެ ފަރާތުން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބިގެންދާނެ ކަމަށެވެ.
މި މަޝްރޫއަކީ ސަރުކާރުން، ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދެމުންގެންދާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަމަށް އެޗްޑީސީއިން ބުންޏެވެ.




