ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް، އިތުރު ޑްރެޖަރެއް ރާއްޖެއަށް އައިސްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކަން ހާމަކުރައްވަމުން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޑްރަޖަރު ޓީއެސްއެޗްޑީ ޕްރިންސް ޑެރް ނެޑަލޭންޑެން ރާއްޖެ އައިސްފައިވާ ކަމަށާއި، މިއަދު ރާއްޖެ އައި ޑްރަޖަރާއި، މިހާރު ހުޅުމާލެ ފޭސް 3 ހިއްކަމުން އަންނަ ޑްރެޖަރާއެކު މާދަމާ މަސައްކަތް ފަށާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަހުކޮޅު ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އޭގެ ފަހުން މި ދެ ޑްރެޖަރުވެސް ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތަށް ދާނެ ކަމަށާއި، އެ މަސައްކަތް ދެ ތިން މަސް ތެރޭގައި ނިމޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އަދި ގިރާވަރު ފަޅުގައި ހިއްކާ ސަރަހައްދު ފާހަގަކުރަން ބަންޑްލް ވޯލް ޖެހުމުގެ މަސައްކަތް އީއައިއޭ އާއި އެހެނިހެން ކަންކަން ނިމުމުން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއު ކުރިއަށްގެންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ) އާ ހަވާލުކޮށްގެންނެވެ.
ހުޅުމާލެ ހިއްކުމުގެ މި މަޝްރޫއުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައިވާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި މި މަޝްރޫއުގެ ދަށުން މިހާތަނަށް 24 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އޭގެ ފަހުން މަޝްރޫއު މަޑުޖެހުނީ ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާތީއެވެ. މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، ތިންވަނަ ފިޔަވަހިން ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައް އަލުން ފެށީ ނޮވެމްބަރު 10 ވަނަ ދުވަހު ހަވީރެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި، ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
މި މަސައްކަތް އަވަހަށް ނިންމައި، ބޯހިޔާވަހިކަމުގެ ފުރުސަތު ވީހާވެސް ގިނަ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.



