ގ.އ ގެމަނަފުށީގައި އިމާރާތް ކުރާ މިސްކިތުގެ މަސައްކަތްތަކުގެ އަދާހަމަ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ދީފިއެވެ.
އާރްޑީސީއިން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގއ. ގެމަނަފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތްތަކުގެ ތެރެއިން ފެންސު ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ގެމަނަފުށީގައި މިސްކިތެއް އެޅުމުގެ މަސައްކަތް މިދިޔަ ސަރުކާރުގައި ހަވާލުކޮށްފައިވަނީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވެ، ގިނަ މަސައްކަތް ހުރީ ނުނިމިއެވެ.
އެހެންކަމުން އެ މިސްކިތުގެ މަސައްކަތް އަވަހަށް ނިންމުމަށް އިސްލާމިކް މިނިސްޓްރީން ވަނީ 5 އޮގަސްޓް 2025 ގައި އެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ގެމަނަފުށީގައި އިމާރާތް ކުރަމުންދަނީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތުގެ މަސައްކަތް އެއްކޮށް ނިމޭއިރު ވުޟޫކުރާނެ ބަޔަކާއި، މުންނާރު، މިސްކިތުގެ ލޭންޑްސްކޭޕިންގ އަދި ވަށާފާރުގެ މަސައްކަތް ނިމިގެންދާނެއެވެ.
މީގެ އިތުރުން މި މިސްކިތުގައިވެސް ސޯލާރ ޕެނަލް ހަރުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިއީ 7،780،395.62 ރުފިޔާއަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މަސައްކަތް އެއްކޮށް ނިންމަން ދީފައިވަނީ 240 ދުވަހެވެ.



