މާލޭ މައްޗަންގޮޅީގައި ހުންނަ އަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތް ތަޅާލުމަށްފަހު، އެ ސަރަހައްދުގައި ޕާކިންއާއެކު ކޮމިއުނިޓީ ޕާކެއް ތަރައްގީކުރުމަށް ސަރުކާރުން ވިސްނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މާލޭގެ ތަރައްގީއާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް މިރޭ މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.
މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން މައްޗަންގޮޅީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އެ އަވަށުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލައާއި މަގުތައް ވީރާނާވެފައި ހުރުން ފަދަ ގިނަ މައްސަލަތަކެއް ހައްލުކުރުމަށް ސަރުކާރުގެ ވުޒާރާތަކުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަރަބިއްޔާ ސްކޫލުގެ ކުރީގެ އިމާރާތް ތަޅައިލުމުގެ މަސައްކަތް ފެށުމަށް ޕަބްލިކް ވޯކްސްއިން މިހާރު ތައްޔާރުވެފައިވާކަން ފާހަގަކުރައްވައި، ރައީސް ވަނީ އެތަނާމެދު އަމަލުކުރަންވީ ގޮތާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު އެމަނިކުފާނާ ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ.
ސަރުކާރުގެ މިވަގުތުގެ ވިސްނުން ހުރި ގޮތް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، 11،000 އަކަފޫޓުގެ އެ ގޯތީގެ ބޮޑު ސަރަހައްދެއް ޕާކިންއަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކުރުމާއެކު، ރޭޒް ލެވެލްއެއްގައި ޕާކެއް ނުވަތަ ފެހި ޖާގައެއްގެ ގޮތުގައި ތަރައްގީކުރުމަށް ވިސްނާ ކަމަށެވެ.
ރައީސް ވިދާޅުވީ، ސަރުކާރުގެ މިހާރުގެ ވިސްނުމަށް ބަލާއިރު، އެ މަސައްކަތް ހަލުއިކޮށް ކުރިއަށްގެންދަވައި ރަމަޟާން މަހުގެ ކުރިން ނިންމަވައިލެއްވުމަށް ބޭނުންފުޅުވާ ކަމަށެވެ.
ނަމަވެސް، ސަރުކާރުގެ މިހާރުގެ ވިސްނުމަށްވުރެ ބޮޑުކޮށް މަޝްރޫއު ހިންގާނަމަ، އެ މަސައްކަތަށް އިތުރު ވަގުތު ނަގާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



