ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ޚިދުމަތުގެ އެންމެ މުހިއްމު ބޭނުމަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޓެކްސީ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މަންޗަންގޮޅި ރައްޔިތުންނާ ބަދައްލުކުރުމަށް ރޭ އަމީނިއްޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުން ޓެކްސީ ލައިން ފަށާތީ ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން މި ފަށާ ޓެކްސީ ލައިނަކީ އެއްވެސް ހާލެއްގައި ޓެކްސީ ޑްރައިވަރުންގެ ވިޔަފާރި އަތުލުމެއް ނޫން ކަމަށާއި، މީ މާލޭގަ ދިރިއުޅޭ ރައްޔިތުންނަށް ރަނގަޅު ޓެކްސީ ޚިދުމަތެއް ދިނިމުގެ ބޭނުމުގައި ފަށާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ މި ޚިދުމަތަށް 150 އީ-ވެހިކަލް ގެނައުމަށް ތައްޔާރުވެފައިވާ ކަމަށާއި، މި ވެހިކަލްތައް ޖަނަވަރީ ނުވަތަ ފެބްރުވަރީ މަސް ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ޑްރައިވަރުން ހޮވުމުގައި މިހާރު މި މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދެއްވާނެކަމަށް ވިދާޅުވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި މިހާރު ޑްރައިވަރުންގެ އެންމެ ބޮޑު ޝަކުވާއަކީ އެއްވަރެއްގެ އާމްދަނީއެއް ނުލިބުމެވެ. ނަމަވެސް، ހުޅުވާލެވޭ މި ފުރުޞަތާއެކު މަހަކު ނުވަތަ ހަފްތާއަކު ލިބެންޖެހޭ އާމްދަނީ ޑްރައިވަރުންނަށް ޤަވާއިދުން ލިބިގެންދާނެއެވެ. މީގެ ސަބަބުން އާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުޞަތު ލިބި، ޑްރައިވަރުންނަށް އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގައި އެއްގަމު ދަތުރުފަތުރު ކުރުމަށް ކާރު ހޯދުމަކީ މިހާރު ގޮންޖެހުން ބޮޑު ކަމެކެވެ. އެތައް ބަޔަކަށް ޚިދުމަތް ނުލިބޭތީ ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވެފައިވާއިރު، ސަރުކާރުން ވަނީ މިކަމަށް ޚާއްޞަ އެޕްލިކޭޝަނަކާއެކު 24 ގަޑިއިރު ކާރުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ވިދާޅުވެފައެވެ.
މިކަމުގެ ސަބަބުން ޓެކްސީއަށް އަރާ ފަރާތްތަކަށް ރަނގަޅު ޚިދުމަތެއް ލިބިގެންދާނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މާލޭގައި ޓެކްސީ ލައިންގެ ޚިދުމަތް ކުރިއަށްގެންދާނީ އެމްޓީސީސީންނެވެ. އެމަސައްކަތަށް 407 ޑްރައިވަރުން ހޯދަން އެކުންފުނިން މިހާރު ވަނީ އިޢުލާނުކޮށްފައެވެ.




