ރާއްޖޭގައި ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ދަށުން ދުންފަތާ ގުޅުން ހުރި ކުށްތައް އިތުރުވާ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މިނިސްޓަރު ހާޒިރު ކުރެއްވުމުން، މެންބަރުން ކުރިމަތި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މިހެން ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ރޭވިގެން ހިންގާ ކުށްތައް އިތުރުވަމުންދާ ކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިނިސްޓަރާ ސުވާލު ކުރެއްވި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވަނީ، ދުންފަތާއި ގުޅުން ހުރި ރޭވިގެން ހިންގާ ކުށްތައް މިފަހަކަށް އައިސް އިތުރުވެފައިވާކަން ފާހަގަކުރައްވައި، އެފަދަ ކުށްތަކާއި ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ ގުޅުމެއްވޭތޯ ސުވާލު ކުރައްވައިފަ އެވެ. އޭގެ ޖަވާބުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ކުށްތައް އިތުރުވާ ކަމަށް އަމިއްލަ ހައިސިއްޔަތުން ވެސް ޤަބޫލު ނުކުރައްވާ ކަމަށެވެ.
”އަބަދުވެސް ބައެއް ބަދަލުތަކަކީ، އޭގެއިން ކޮންމެވެސް އަސަރެއްކުރާ ކަން އެއީ އަޅުގަނޑުމެންނަށް އެނގޭ ކަމެއް. އެކަމަކު އަޅުގަނޑު ނުދެކެން ފަހަރެއްގައި ވެސް ދުންފަތާއި ގުޅިގެން އަޅުގަނޑުމެން މިއަޅަމުންދާ ފިޔަވަޅުތައް އެއީ ކޮންމެހެން ކުށްތައް އިތުރުވާންޖެހޭ ސަބަބެއް ގޮތުގައެއް. އެގޮތަށް އަޅުގަނޑަށް އަމިއްލަ ހައިސިއްޔަތުން ވެސް ޤަބޫލެއް ނުކުރެވޭ.“ މިނިސްޓަރު ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން މިނިސްޓަރު އިތުރަށް ވިދާޅުވީ، ގައިގައިން ނާރާ ބަލިތައް އިތުރުވާ މައްސަލައަށް ޙައްލެއް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ދުންފަތުގެ ސަބަބުން މިފަދަ ބަލިތައް އިތުރުވާ މިންވަރު މަދުކުރުމަށް ޚާއްސަ އިސްކަމެއްދީގެން މަސައްކަތް ކުރާ ކަމަށެވެ. އަދި މިކަމުގައި އަޅަމުންދާ ފިޔަވަޅުތައް 3 ކަމަކަށް ބިނާވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިގޮތުން މިކަމަށް މީހުން ހޭލުންތެރި ކުރުވުމާއި، އެކަން ކުރުމަށް ބޭނުންވާ ސިފަތައް ނުވަތަ ވައްޓަފާޅި މީހުންނަށް އޮޅުން ފިލުވައިދިނުމަށް އަދި އެކަމަށް މީހުންގެ މެދުގައި ޝައުޤުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިމައްސަލަ ޙައްލު ކުރުމަށް ދުންފަތުގެ ނުރައްކަލާއި ގުޅޭގޮތުން އެކި މަންސަތައް މެދުވެރިކޮށް އާންމުންނަށް މައުލޫމާތުދީ، މިކަން ހުއްޓަން ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިކޮށްދިނުމަށް މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ސިޒޭޝަން ޚިދުމަތް ލިބޭނެ ގޮތް މަގުފަހިކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަން ތަންފީޒު ކުރުމުގައި ޤާނޫނާއި ޚިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅޭނެ ނިޒާމުވެސް މިހާރު ޤާއިވްވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިކަންކަން ތަންފީޒުކުރަނީ، ދުނިޔޭގައި މިފަދަ ކަންކަން ކުރާ ގޮތްތަކާއި، އެކަމާއި މެދު ހެދިފައިވާ ޢިލްމީ ދިރާސާތަކާއި، ކަމާއި ގުޅުން ހުރި ހުރިހައި އިދާރާތަކާއިއެކު މަޝްވަރާކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހިން ދުންފަތާ ދުރުކޮށް، ދުޅަހެޔޮ ސިއްހަތަށް މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން، ޖެނުއަރީ 1، 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު، މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން ވަނީ މަނާކޮށްފައެވެ.
އަދި އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީ ވެސް މަނާ ކަމެކެވެ.



