މާލޭގެ އިމާރާތަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް 27 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ނަމަވެސް، ތަހުގީގު މަރުހަލާގައި އޭނާ ހައްޔަރުގައި ހޭދަކުރި މުއްދަތު މި ހުކުމުގައި ހިމެނޭތީ، މި ހުކުމް ތަންފީޒު ކުރާކަށް ނުޖެހޭނެއެވެ.
ޔުމްނު ވެއްޓުނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީ ގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށެވެ. އެ ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ އޭނާއަށް ފަރުވާ ދިނީ އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައެވެ. އޭގެ ފަހުން އޭނާ އިތުރު ފަރުވާއަށް މެލޭޝިއާއަށް ފޮނުވާފައިވާއިރު، މެލޭޝިއާއަށް ފޮނުވުމަށް ސަރުކާރުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ރައުދުގެ މައްޗަށް ދައުލަތުން ދައުވާ ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާއެވެ. މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައުދު ވަނީ އެ ދައުވާއަށް އިއުތިރާފްވެފައެވެ. އޭނާގެ މައްޗަށް މި ހުކުމް އައީ އަވަސް ނިޔާގެ އަޑުއެހުމާއި އިބްތިދާއީ އަޑު އެހުމުގައި ކުށަށް އިއުތިރާފްވެފައިވާތީއެވެ.
ދައުލަތުން ރައުދުގެ މައްޗަށް ދައުވާ ކުރީ ގާނޫނުލް އުގޫބާތުގެ 618 ވަނަ މާއްދާގެ ދަށުންނެވެ. މި ކުށަށް ކަނޑައަޅާފައިވާ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ދައުވާއަށް އިއުތިރާފުވުމުން އަދަބު އެއް ދަރަޖަ ދަށް ކުރެވި، 27 ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުވިއެވެ.
ތަހުގީގު މަރުހަލާގައި މި މުއްތަދު ފުރިހަމަކޮށްފައިވާތީ، ރައުދު މިނިވަންވެގެންދާނެއެވެ.



