ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓައި، ކުރިން އޮތް ”ނެގެޓިވް“ އައުޓްލުކް ”ސްޓޭބަލް“ އަށް ބަދަލުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މި ބަދަލަކީ ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖެއިން ގެންގުޅުނު ހަރުދަނާ މާލީ ސިޔާސަތުތަކާއި ފިޔަވަޅުތަކުގެ ރަނގަޅު ނަތީޖާއެއް ކަމަށާއި، ރާއްޖޭގެ ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާ މިކަމުން ފެންނަ ކަމަށެވެ.
މީގެ ކުރިން، އާމްދަނީއާ ނުބައްދަލު ޚަރަދުތަކުގެ ސަބަބުން ބޮޑު އަގުގައި ދަރަނި ނަގާފައިވާ މިންވަރު އިތުރުވެ، ފިސްކަލް ހާލަތު ދަށްވެ، ދަރަނި އަދާނުކުރެވޭ މިސްރާބެއްގައި ރާއްޖޭގެ މާލިއްޔާ އޮތްކަމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. މި ހާލަތުން އަރައިގަތުމަށް 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ.
ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަމަށް އަލިއަޅުވާލައި މޫޑީޒްއިން ނެރުނު ބަޔާނުގައި ފާހަގަކުރި ގޮތުގައި ރޭޓިންގ އަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން މެކްރޮފިސްކަލް ހާލަތު ރަނގަޅުވުމެވެ.
ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއަރޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒަރވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައެވެ. ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް ބެލެންސް މިދިޔަ އަހަރުގެ 15 މިލިއަން އެމެރިކާ ޑޮލަރުން 9 ނޮވެންބަރު 2025 ގެ ނިޔަލަށް 126 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާކަންވެސް މޫޑީޒްއިން ފާހަގަކުރިއެވެ.
ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި ޚަރަދުތައް ކޮންޓްރޯލްކޮށް މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައް މޫޑީޒްއިން ފާހަގަކުރިއެވެ. މާލީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކުވެސް ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ނޭދެވޭ އަސަރެއް ނުކޮށް އިގުތިސާދު ކުރިއަރަމުންދާކަން ފާހަގަކޮށްފައިވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10 އިންސައްތައިން އިތުރުވެފައިވާއިރު، ހޭދަކުރި ރޭގެ އަދަދު 7.2 އިންސައްތައިން ވަނީ ކުރިއަރާފައެވެ.
2026 އިން 2028 ވަނަ އަހަރަށް ފާސްކޮށްފައިވާ މެދުރާސްތާގެ ބަޖެޓުގައި އިގުތިސާދަށް ނޭދެވޭ އަސަރެއް ނުކުރާނެ މިންވަރަކަށް ސަރުކާރުގެ ޑެފިސިޓް ކުޑަކުރަމުން ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިތުރުކުރުމަށް، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ ބޭރު ފައިސާއިން ކޮންމެ އަހަރަކުވެސް އަދާކުރަންޖެހޭ ބޭރުގެ ދަރަނި އަނބުރާ ދެއްކުމަށް ވަނީ ރާވާފައެވެ.
ދަރަނީގެ މިންވަރު މަތިވެފައިވުމުގެ ސަބަބުން Caa2 ގެ ރޭޓިންގ ދަމަހައްޓާފައިވީ ނަމަވެސް، 2026 ވަނަ އަހަރު މެޗުއަރވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އެހެނިހެން ދަރަނި އަދާކޮށް، މެދުރާސްތާގައި ދަރަނީގެ މިންވަރު ދަށްކުރެވޭނެ މިސްރާބަކަށް ގެނައުމަށް ރާވާފައިވެއެވެ.
މޫޑީޒްއިން ފާހަގަކުރި ގޮތުގައި، ރާއްޖެއަށް ބޭރުގެ ފަރާތްތަކުން ފައިނޭންސިންގ ހޯދޭ މިންވަރު ދަށްވެފައިވާކަމަށް ކުރިން ފާހަގަކުރެވުނު ނަމަވެސް، ދޭދޭ ޤައުމުތައް މެދުވެރިކޮށް ފައިނޭންސިންގ ހޯދުމުގެ ޤާބިލުކަން ދައްކައިދީފައިވުމަކީ އިތުބާރު ހޯދިފައިވާކަމުގެ ހެއްކެކެވެ.
ސަރުކާރުގެ އަމާޒަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދާކުރުމާއެކު މެކްރޮއިކޮނޮމިކް ސްޓެބިލިޓީ ހާސިލުކުރުމެވެ.




