މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 2 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
2 މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. މި ހަފްލާގައި ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހީމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއަހަރުގެ 2 މިލިޔަން ވަނަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ބެތަނީ ސޭރާއެވެ. އޭނާ ރާއްޖެއަށް ޒިޔާރަތްކުރީ އޭނާގެ ފިރިމީހާއާއެކު ހަނީމޫނަށެވެ. މި ދަތުރުގައި އެމީހުން ތިބުމަށް ހަމަޖެހިފައިފަނީ އައުޓްރިގާ ރިސޯޓުގައެވެ. މިއީ އޭނާ ރާއްޖެ އައި ފުރަތަމަ ފަހަރެވެ. އޭނާ ބުނީ މިއަހަރު ރާއްޖެއަށް އައި 2 މިލިޔަން ވަނަ ފަތުރުވެރިޔާގެ ލަޤަބު ލިބުނީތީ ވަރަށް އުފާވާކަމަށެވެ.
ބެތަނީ ސޭރާ ބުނީ، ދިވެހިންނަކީ ވަރަށް ހިތްހެޔޮ އަދި އެކުވެރި ބައެއް ކަމަށާއި، ރާއްޖެއަށް އޭނާ ދޭނީ 10އަކުން 10 އެއް ކަމަށެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން އައުމަކީ މި ދާއިރާގައި މަސައްކަތްކުރާ ހުރިހައި ފަރާތެއްގެ ބުރަ މަސައްކަތާއެކު ހާސިލުކުރެވުނު ކާމިޔާބީއެއްކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިދިޔަ އަހަރާއި އަޅާބަލާއިރު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

”އަޅުގަނޑުމެން ހުރިހައި އެންމެންގެ ބުރަ މަސައްކަތުން އަޅުގަނޑުމެންގެ އަންވޭވަރިން ކޮމިޓްމަންޓްސް މިކަމަށް ދީގެން މިހާތަނަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ފުޅާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެން މިދަނީ. މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު ފަތުރުވެރިން އައި އަދަދު %9.8 އާއި %10 އާއި ދޭތެރޭގައި އިތުރުވެއްޖެ.“ މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއަށް ފުރަތަމަ ފަހަރަށް 2 މިލިޔަން ފަތުރުވެރިން އައީ މިދިޔަ އަހަރު ނަމަވެސް، އެ އަހަރު 2 މިލިޔަން ފަތުރުވެރިން ހަމަވީ ޑިސެމްބަރ 26 ވަނަ ދުވަހުއެވެ. މިއަހަރު މި އަދަދު ހަމަވީ މިދިޔަ އަހަރަށްވުރެ ގާތްގަނޑަކަށް އެއް މަސްދުވަހު ކުރިންނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.
ފަތުރުވެރިކަމުގެ މާކެޓްތަކަށް ބަލާއިރު، މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ޗައިނާއިން މިހާތަނަށް ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.
އަދި އެވްރެޖްކޮށް ރާއްޖެއަށް ދުވާލެއްގެ މައްޗަށް 6000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.



