ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީންގެ މައުލޫމާތު ރިޕޯޓްކުރުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި، ރާއްޖޭގައި ގަވާއިދާ ހިލާފަށް ފުޅާ ދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ ސަރުކާރުގެ އިދާރާތަކަށް އަބަދުވެސް ލިބެމުންދެއެވެ.
މިގޮތުން، ގަވާއިދާ ހިލާފަށް ބިދޭސީން ހަރަކާތްތެރިވާ މައިގަނޑު ދެ ގޮތެއް އެ މިނިސްޓްރީއަށް ފާހަގަކުރެވިފައި ވެއެވެ.
އެއީ:
1- ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް،
2- ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތަކެވެ.
ބޮޑުވެފައިވާ މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް ވިޔަފާރި ކުރެވޭނެ ދާއިރާތަކާއި ވިޔަފާރިކުރުން މަނާ ދާއިރާތައް އެ މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.
މިނިސްޓްރީން އިލްތިމާސްކޮށްފައިވ ގޮތުގައި، ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރެވޭނަމަ އެކަމުގެ މައުލޫމާތު ވެބްސައިޓް މެދުވެރިކޮށްއ އެ ވުޒާރާއަށް ރިޕޯޓް ކުރުމަށް ނޫނީ އެ ވުޒާރާގެ ހޮޓްލައިން 3333199 އަށް ރިޕޯޓްކުރުން (ހެނދުނު 8:00 – ރޭގަނޑު 8:00 އަށް)، ނުވަތަ އިމިގްރޭޝަން ވޮޗް އަށް ރިޕޯޓް ކުރުމަށް އެދޭ ކަމަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ލިބޭ މައުލޫމާތު މެދުވެރިކޮށް، އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަންދޭ ކަމަށެވެ.



