ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރާގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މި ހަފްތާ ތެރޭ 31 މީހުން މަރުވެފައިވާ ކަމަށް މިއަދު ބުނެފިއެވެ.
މި ހާދިސާތަކުގައި އެންމެ ގިނަ މީހުން މަރުވެފައިވަނީ ސައިފަތް ހައްދާ، ލަންކާގެ މެދުތެރޭގައި އޮންނަ ބަޑުއްލާ ޑިސްޓްރިކްޓުންނެވެ.
ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ބަޑުއްލާ ޑިސްޓްރިކްޓުގައި، އުސް ހިސާބުތަކުގެ ތިރީގައި ހަދާފައިވާ ގެތަކުގެ މައްޗަށް ބިންގަނޑު ކަނޑައިގެން ގޮސް ވެލި އެޅި ފޮރުވިގެން 16 މީހަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން، އެ ސަރަހައްދާ އިންވެގެން އޮންނަ ނުވަރަ އެލިޔާ ޑިސްޓްރިކްޓުން ވެސް ހަމަ މިފަދަ ހާދިސާއެއްގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މި ނޫނަސް އެކި ހާދިސާތަކުގައި އެކި ސަރަހައްދުން ވަނީ މީހުން މަރުވެފަ އެވެ.
ޑީއެމްސީން ބުނީ ކިސަޑު ފޭބުމުގެ ސަބަބުން 400 ގެއެއް ހަލާކުވެފައިވާ ކަމަށާއި 1،100 އަށް ވުރެ ގިނަ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދޭން ޖެހުނު ކަމަށެވެ. މުޅި ގައުމުގައި ވެސް ކޯރުތަކުގެ ފެންގަނޑުތައް ބޮޑުވެ ބަންޑުންވުމުގެ ބިރު ބޮޑުވަމުންދާތީ، ބިން ތިރި ސަރަހައްދުތަކުގައި އުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ލަންކާއަށް މިހާރު ކުރަމުންދަނީ މޫސުމީ ވިއްސާރައެއް ނަމަވެސް، އެ ގައުމުގެ އިރުމަތީގައި އުފެދިފައިވާ ޑިޕްރެޝަނެއްގެ ސަބަބުން މޫސުން އިތުރަށް ވަނީ ގޯސްވެފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ގައުމީ ފެންވަރުގައި ބާއްވާ ސްކޫލްތަކުގެ ފަހު އިމްތިހާނު ވަނީ ދެ ދުވަހަށް ފަސްކޮށްފައެވެ.
މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި ސްރީ ލަންކާގެ އެކި ހިސާބުތަކަށް 100 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހޭނެއެވެ. އަދި އުތުރުގެ ބައެއް ހިސާބުތަކަށް ބުރާސްފަތި ދުވަހު 250 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ވެސް ލަފާ ކުރެވެއެވެ.
މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލަންކާއަށް ކުރި ވިއްސާރައިގައި 26 މީހުން މަރުވި ފަހުން އެންމެ ގިނަ އަދަދެއްގެ މީހުން މަރުވި ފަހަރެވެ. މީގެ އިތުރުން، މިދިޔަ ޑިސެމްބަރު މަހު ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ވެސް 17 މީހުން ވަނީ މަރުވެފައެވެ.



