ނ. މާފަރު ސިއްޙީ މަރުކަޒުގެ ޚިދުމަތް ރަސްމީކޮށް 24 ގަޑިއިރަށް ބަދަލުކޮށް، މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.
މިއީ 1335 މީހުންގެ އާބާދީއެއް އޮންނަ ނ. މާފަރުގެ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ހޯދުމުގައި ލިބިގެންދިޔަ ބޮޑު ލުޔެއްކަމަށް ސިއްޙީ ވުޒާރާއިން ފާހަގަކުރައްވައެވެ.
މ. މާފަރުގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުމަށާއި، މަރުކަޒުގެ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކުރުން ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު އެރަށުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.
ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަދު އިފްތިތާހުކުރެވުނު ޚިދުމަތްތަކަކީ މާފަރު ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ޚިދުމަތްތަކެއް ކަމަށެވެ.
”މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަޅުގަނޑު މިރަށަށް އައިން. އެ ދަތުރުގަ މިރަށުގެ ސިއްޙީ މަރުކަޒުގެ އިމާރާތައް ބޭނުންވާ ޖާގަ އިތުރުކުރުމަށް ފެނަކަ ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކުރެވުނު. ދުވަސްކޮޅެއް ފަހުން ބިންގާ އެޅުމުގެ ރަސްމިއްޔާތު އަޅުގަނޑުމެންނަށް މި ކުރިއަށްގެންދެވުނީ. އިރާދަކުރެއްވިއްޔާ ދެން ފެނިގެންދާނީ ވަރަށް ބާރު ސްޕީޑެއްގައި މި މަސައްކަތް ކުރިއަށްގެންދެވި، މަސައްކަތް އެއްކޮށް ނިންމާލެވޭ މަންޒަރު.“ މިނިސްޓަރު ވިދާޅުވިއެވެ.
މާފަރުގެ ސިއްޙީ މަރުކަޒުން މީގެ ކުރިން ޚިދުމަތް ދެމުން އައީ ދުވާލަކު 16 ގަޑިއިރަށެވެ. އެހެންކަމުން، ރޭގަނޑުގެ ވަގުތުތަކުގައި ކުއްލި ހާލަތްތަކުގައި ސިއްޙީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ސަރުކާރުން ގެންނެވި ބަދަލާއެކު، މާފަރުގެ ރައްޔިތުންނަށް ކޮންމެ ވަގުތެއްގައިވެސް ސިއްޙީ އެހީތެރިކަން ހޯދުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެގެންގޮސްފައެވެ.
މި މަރުކަޒުގެ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކުރުމުގެ ސަބަބުން، ރަށުގެ ރައްޔިތުން ސިއްޙީ ފަރުވާއަށް އެހެން ރަށްރަށަށް ދަތުރުކުރަން ޖެހޭ މިންވަރު މަދުވެ، އެކަމާ ގުޅިގެން ކުރަން ޖެހޭ މާލީ ޚަރަދުތައްވެސް ކުޑަވެގެންދާނެއެވެ.
މާފަރު ސިއްޙީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތަކީ ސަރުކާރުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ)އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އައު އިމާރާތުގައި ޤާއިމުކުރެވޭނެ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ލެބޯޓްރީ (ލެބް) އަދި އެކްސްރޭގެ ޚިދުމަތް ހިމެނެއެވެ. މި ޚިދުމަތްތައް ޤާއިމުވުމުން، މާފަރުގެ ރައްޔިތުންނަށް ފަރުވާގެ ބޭނުމަށް ރަށުން ބޭރަށް ދާންޖެހޭ މިންވަރު ކުޑަވެ، ރަށުތެރެއިން ޒަމާނީ ފެންވަރުގެ ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދެވޭނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.
މާފަރުގެ ސިއްޙީ މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަރުކަޒުން މިހާރު 24 ގަޑިއިރަށް ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާއިރު، މި މަރުކަޒުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށްވެސް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ނާސް ސްޓޭޝަނާއި މީޓިންގ ހޯލާއި ޕަބްލިކް ހެލްތު ޔުނިޓް ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.




